މައުމޫނުގެ އައްޑުވަސް އިންޓަރވިއު

(އަހަރެމެން އެންމެންނަކީ ވެސް މެޝިން ތަކެކެވެ. ނިޒާމުގެ އަޅުންނެވެ. އަހަރެމެންގެ ސިކުނޑިތައް މިނިވަން ކޮށްގެން މެނުވީ އަހަރެމެންނަކަށް މިނިވަނެއް ނުވެވޭނެއެވެ.)

16 ނޮވެމްބަރ 2000 ވަނަ ދުވަހުގެ އައްޑުވަސް ނޫހުގައި (ނަންބަރު: 23) ދިވެހިރާއްޖޭގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ އިންޓަރވިއު އެއް ޝާއިއު ކޮށްފައި އޮތެވެ. މިއީ މައުމޫނުގެ އަމިއްލަ ނުވަތަ ޒާތީ ކަންތަކާއި މެދުގައި އެންމެ ބޮޑަށް ސުވާލުކޮށްފައި ހުރި އިންޓަރވިއު އެވެ. އައްޑުވަހުގެ ބަނޑޭރި ގަނޑުގައި މި އިންޓަރިވިއު މައިގަނޑު ލިޔުމުގެ ގޮތުގައި އިސްތިހާރު ކުރުމަށް ލިޔެފައި އޮތީ “އުފާވެރި ކައިވެންޏަކަށް ވުރެ ބޮޑު ހިތްހަމަޖެހުމެއް ނޯންނާނެ” މިގޮތަށެވެ. ނަމަވެސް އެތެރޭގައި އިންޓަރވިއުގެ ސުރުހީއަކަށް ލިޔެފައި އޮތީ “ކަމަކަށް ނުވާކަހަލަ ގޮތަކަށް ދެއަތްބަށް މީހުނާ އިނުމަކީ އަޅުގަނޑު ވަރަށް ނުގަބޫލު ކަމެއް” މިހެންނެވެ.

Adduvas Magazine Cover 16 November 2000ދާދިފަހުން ޑޮނިމް މޯލްޑިވްސް ޓުޑޭ އަށް ލިޔުނު މަޒުމޫނެއްގައި މިއިންޓަރވިއު އާއި މެދު ލިޔެފައި ވެއެވެ. ޑޮނިމް ބުނާގޮތުގައި އައްޑުވަސް ނޫހުގައި ވަޒީފާ އަދާކުރި މީހުން ބުނަނީ މިއިންޓަރވިއުގެ ހުރިހާ ސުވާލުތަކެއް ވެސް ތައްޔާރުކުރީ ހަމަ މައުމޫނު ކަމަށެވެ. މިއީ ހަމަ މިކަން ވެދާނެ ގޮތެއް ކަމަށް އަހަރެންނަށް ވެސް ގަބޫލުކުރެވެއެވެ.

ބެކްގްރައުންޑް:

އައްޑުވަސް ނޫހަކީ 2000 ވަނަ އަހަރު ހަފުތާ ނޫހެއްގެ ގޮތުގައި ނެރެން ފެށި ނޫހެކެވެ. އެއީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށް އޮތް ދުވަސްވަރެކެވެ. ނޫސްމަޖައްލާ ރަޖިސްޓްރީ ކޮށްދިނުން ވެސް އޮތީ އިންތިހާއަށް ހިފަހައްޓާފައެވެ. ނަމަވެސް އެދުވަސްވަރު ރާއްޖޭގައި ޓެބްލޮއިޑް ސަގާފަތެއް އުފެދިގެން ދިޔައެވެ. ފިލްމުސްޓާރުންނާއި މޮޑެލުންގެ ފޮޓޯ ބޭރުގައި ޖަހާފައި، ހޮރަސްކޯޕާއި (ރާހި)، ހުވަފެން ތައުބީރާއި އެހެނިހެންވެސް އެފަދަ ލިޔުންތައް ހިމެނޭ ނޫސްތައް ގިނަވަގެން ދިޔައެވެ. މިއީ އެދުވަސްވަރު ދިވެހި ކިޔުންތެރިންނަށް ހައްގުވާ ކަމަށް ސަރުކާރުން ގަބޫލުކުރި ލިޔުންތަކެވެ. މިނޫސްތަކުގެ ފަހަތުގައި ހުރީ މައުމޫނުގެ އަންހެނުން ނަސްރީނާގެ ކޮއްކޮ ފަރީޝާގެ ފިރިމީހާ ސަމަރުބްލޫ އިބްރާހީމް މަނިކެވެ. އޭރުގެ އިންފޮމޭޝަން މިނިސްޓަރ ކަމަށް ވީތީ، މީޑިއާ ކޮންޓްރޯލް ކުރުމަކީ ވަރަށް ފަސޭހަ ކަމަކަށް އޭނާއަށް ވިއެވެ. އޭރުގެ މީޑިއާގެ ހާލަތާއި އޭރު ޓެބްލޮއިޑްތައް ސަރުކާރުން ހިތްވަރުދީގެން ގެންގުޅެމުން އައިގޮތް މޯލްޑިވްސް ކަލްޗަރ ގައި “ހަނދުވަރު” މި ވަނަމުގައި ލިޔެފައިވާ މަޒުމޫނުން ތަފުސީލުކޮށް ހާމަކޮށްފައިވެއެވެ. މިހާރުގެ އައްޑުވަހަށް އައިސްފައިވަނީ އޭރާއި ބަލާއިރު ވަރަށް ބޮޑު ބަދަލެކެވެ.

އެދުވަސްވަރަކީ ދިވެހިރާއްޖޭގެ އިގުތިސާދަށް ލޮޅުންތަކެއް އަރާނެ ކަމަށް ގަބޫލުކުރެވުނު ދުވަސްވަރެކެވެ. މައުމޫނުގެ ދަރިފުޅު ޣައްސާން އިނގިރޭސިވިލާތުގައި ކިޔަވަން ހުއްޓާ ކޮންމެވެސް ގާނޫނާއި ހިލާފު ކަމެއް އޭނާ ކުރުމުން އޭނާ ސަލާމަތް ކުރުމަށް ދިވެހި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ހަރަދު ކުރި ކަމަށް ވެސް އޭރު ވާހަކަ ދެކެވުނެވެ. އާރިފް ހިލްމީ ފިނޭންސް މިނިސްޓަރ ކަމުން އިސްތިއުފާ ދިނީ ވެސް ހަމަ އެދުވަސްވަރުގައެވެ. މިދުވަސްވަރުގެ ހާލަތު މޯލްޑިވިއަން ރެބެލްސްގެ މަޖައްލާ މެވަރިކްގެ 1.35 އަދަދުގައި Big Brother Flexes Muscle in the Maldives މި ސުރުހީގެ ދަށުގައި އިނގިރޭސި ބަހުން ލިޔެފައިވާ މަޒުމޫނެއްގައި 5 ވަނަ ސަފުހާގައި ވަރަށް ތަފުސީލުކޮށް ކިޔާދީފައި ވެއެވެ.

ވީމާ އައްޑުވަހުގައި މައުމޫނުގެ އިންޓަވިއުއެއް ޝާއިއުކޮށްފައިވަނީ ރާއްޖޭގައި ދެކެވެމުންދިޔަ ބައެއް ވާހަކަތަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. އަދި މައުމޫނަކީ ވަރަށް ސާދާ މީހެއް ކަން މީހުންނަށް ހާމަކޮށްދިނުމަށެވެ. ހިލް އެންޑް ނޯލްޓަންގެ ބޭނުން އޭރު ނުހިފިނަމަވެސް އޭރު ވެސް ޕަބްލިކް ރިލޭޝަންސްގެ ގިނަ އުކުޅުތައް މައުމޫނު ދިޔައީ ބޭނުންކުރަމުންނެވެ. މިގޮތުން އެމެރިކާގެ ރައީސް ބިލް ކްލިންޓަންގެ އުޅުމާއި ފާޑު ކޮޕީކޮށް ވަރަށް ސާދާ އަދި މީހުންނާއި ގުޅޭ ރައީސެއްގެ ކުލަ ދެއްކޭތޯ ވެސް މައުމޫނު މަސައްކަތްކޮށްފައި ވެއެވެ. މިއިންޓަރވިއުގެ އިތުރު ދިރާސާތަކެއް ފަހުން ކުރުމަށް ގަސްދުކުރަމެވެ.

ތިރީގައި މިވަނީ މައުމޫނުގެ އިންޓަރވިއު ޝާއިއުކުރި އައްޑުވަސް ނޫހުގެ އަދަދުގައި އެޑިޓޯރިއަލްގެ ގޮތުގައި ލިޔެފައިވާ ލިޔުމެވެ.

“މިފަހަރު….. ވަރަށް ހާއްސަ

އައްޑުވަސް ނޫހުގެ މިއަދަދަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ އަދަދެކެވެ. ނޫހުގެ ލޭއައުޓަށް ބައެއް ބަދަލު ގެނައުމުގެ އިތުރަށް، މައުލޫމާތުގެ މުޅިން އާ ބައިތަކެއް ނޫހުގައި އިތުރު ކުރެވިފައި ހުންނާނެއެވެ.

މިއަށްވުރެން ވެސް ހާއްސަ ކަމަކީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމްގެ ހާއްސަ ބަސްދީ ގަތުމެއް މިފަހަރުގެ ނޫހުގައި ހިމެނޭ ކަމެވެ. އަޅުގަނޑުމެންގެ ނޫހުން މިކަމަށް އެދި ދަންނަވާލި ދަންނަވާލުން އެމަނިކުފާނު ގަބޫލުފުޅު ކުރެއްވީ ނުހަނު އުފަލާއި އެކުގައެވެ. ނޫހުގެ މެންބަރުންނާއި ބައްދަލުކުރެއްވީ ވަރަށް އެކުވެރި، އުފާވެރި މާހައުލެއްގައެވެ. އެމަނިކުފާނުގެ އަމިއްލަފުޅު ދިރިއުޅުއްވުމާއި ބެހޭ ގޮތުން އަޅުގަނޑުމެން ދަންނަވާލި ކޮންމެ ސުވާލަކަށްމެ ޖަވާބު ދެއްވިއެވެ.

އިއްޒަތްތެރި ރައީސްގެ ބަސްދީ ގަތުމެއް އަޅުގަނޑުމެން މިނޫހުގައި ހިމެނީ، އެމަނިކުފާނަކީ ދިވެހި ޖުމްހޫރީ ހަޔާތުގައި މިހާތަނަށް އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ރައީސް ކަމުގައި ވާތީއެވެ.

ކުރިން އަޅުގަނޑުމެން ހިޔާލުކޮށްފައި އޮތީ ނޮވެމްބަރ 11 އާއި ދިމާކޮށް ރައީސްގެ ބަސްދީ ގަތުން ގެނެސްދިނުމަށެވެ. ދިމާވި ސަބަބުތަކަކާއި ހުރެ، ހަފުތާއެއްހައި ދުވަސް ލަސްވެގެން ދިޔައީއެވެ.

އިއްޒަތްތެރި ރައީސްގެ ބަސްދީ ގަތުން ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭތޯ އަޅުގަނޑުމެން މަސައްކަތްކޮށްފައި ވާނީ، އަޅުގަނޑުމެންގެ މިނޫހުގެ “ބައްޓަމަށް” “ކިއްސަރު” ކޮށެވެ.

އައްޑުވަހުގެ ރޫހަކީ އައްޑުވަހުގެ ކިޔުންތެރިންނެވެ. ތިޔަބޭފުޅުން ދެއްވާ ތަރުހީބަށް ޝުކުރުވެރިވަމެވެ.”

ކަމަކަށް ނުވާކަހަލަ ގޮތަކަށް ދެއަތްބަށް މީހުނާ އިނުމަކީ އަޅުގަނޑު ވަރަށް ނުގަބޫލު ކަމެއް

އައްޑުވަސް، 16 ނޮވެމްބަރ 2000

ރައީސް މައުމޫނަކީ އުމުރުން 22 އަހަރުން ހަގު ޒުވާން ދިވެހި ޖީލު، ނުވަތަ “އިންޓަރނެޓްގެ ދިވެހި ޖީލު” ދުށް ހަމައެކަނި ގައުމީ ޒައީމެވެ. ހިޖުރީ ގޮތުންނާއި، މީލާދީ ގޮތުން ވެސް އާ ސައްތައެއްގެ މުހިއްމު ފައްތަރު އެމަނިކުފާނުގެ ރިޔާސީ ދައުރުގައި ދިވެހިން ވަނީ ގިރާކޮށްފައެވެ. މިއީ ތާރީހީ ގޮތުން މުހިންމު ދެ ފައްތަރެކެވެ.

މައުމޫން ދިވެހި ގައުމީ ނަވުގެ ހުންގާނުގައި ހިއްޕެވީ ހުރިހާ ގޮތަކުން ވެސް ހެޔޮ ބަދަލުތަކަކަށް ގައުމު ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ. ވެރިކަމުގައި 22 އަހަރު ފުރިހަމަ ކުރެއްވިއިރު، ދިވެހި ގައުމު ވަނީ ތަރައްގީގެ އުސް ކުރިބޯށިތަކަކަށް ވާސިލުވެފައެވެ. ހުރިހާ ގޮތަކުން ވެސް ދިވެހިންނަށް ވަނީ ކާމިޔާބާއި ކުރިއެރުން ލިބިފައެވެ.

ތިރީގައި އެވަނީ އައްޑުވަސް ނޫހަށް އެމަނިކުފާނު ދެއްވާފައިވާ ހާއްސަ ބަސްދީގަތުމެކެވެ.

މަނިކުފާނުގެ އުމުރުފުޅާ އަޅާބަލާއިރު ހަށިގަނޑު ވަރަށް ޒުވާންކަމަށް ފާހަގަކުރެވޭ، މިކަމުގެ ސިއްރަކީ ކޮބައިތޯ؟
ތިޔަހެން ވިދާޅުވީތީ ވަރަށް އުފާވެއްޖެ. ލޯގަނޑު ބަލައިލާ ކޮންމެ ފަހަރަކު އަޅުގަނޑަށް ފެންނަނީ، މުސްކުޅި ވަމުންދާ ކަމުގެ ނިޝާންތައް. އެކަމަކު މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅުން އަޅުގަނޑުގެ ސިއްހަތު ވަރަށް ރަނގަޅު. އޭގެ ސިއްރެއް ކަމަށް ލަފާ ކުރެވެނީ، ހަށިގަނޑަށް ކަސްރަތު ލިބޭ ކަހަލަ ކުޅިވަރު ކުޅުމާ، ކާއެއްޗެއްސަށް ބަލައިގެން އުޅުން. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ސިއްހީ ގޮތުން ގެއްލުން ހުރި އާދައެއް ނުގެންގުޅުން.

ފަރިއްކުޅުއްވުމުގައި ސަމާލުކަން ދެއްވާ ކަންތައްތަކަކީ ކޮބައިތޯ؟
އަޅުގަނޑު ބަލަނީ ކެއުމަށް ބަލައިގެން އުޅެވޭތޯ. ކުކުޅު ބިހާ އެއްގަމު މަހާ ސަރުބީ ހުންނަ އެއްޗެތި ކަނީ ވަރަށް މަދުން. ތަރުކާރީއާ މޭވާ ތަންކޮޅެއް ގިނައިން ކެވޭތޯ ބަލަން. އަދި ވަރަށް ގިނައިން ފެން ބޮން.

ހެނދުނު އަވަހާރަފުޅުން ތެދުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ފަރިއްކުޅުއްވަނީ ކޮން އެއްޗެއްތޯ؟
އެންމެ ފުރަތަމަ ބޮނީ ފެން ތައްޓެއް. ދެން ފެންވަރާ އޮފީހަށް ދާން ތައްޔާރުވެގެން ނުކުމެ ސައި ބޮނީ.

ރޯދަ ވީއްލެވުމަށް މަނިކުފާނު އެންމެ ހިތްޕުޅާވަނީ ކޮންކަހަލަ ފަރިއްކޮޅެއްތޯ؟
އަޅުގަނޑު ރޯދަ ވީއްލަނީ ކަދުރާ ފެނުން. އެއަށްފަހު އެންމެ ބޮޑަށް ބޯހިތްވަނީ، ގުޅައާއެކު ކަޅު ސައި ތައްޓެއް. ސައިތަށި ހުންނަން ޖެހޭނީ ތަންކޮޅެއް ކުލަގަދަކޮށް. އަދި ފޮނިވެސް ގަދަކޮށް.

ދުވަހަކު ވެސް އެއްވެސް ވަރަކަށް ދުންފަތުގެ އިސްތިއުމާލު ކުރެއްވިންތޯ؟
ނޫން. ދުވަހަކުވެސް ނުކުރަން.

އަޑަފިކޮޅު ހިއްޕަވަމުތޯ؟
އާދެ. ކޮންމެވެސް ވަރަކަށް ދުފަން. އެކަމަކު ދުވަހަކު ވެސް ދުންފަތެއް ނުލަން.

ރެއަކާ ދުވާލު އަވަހާރަފުޅު ލައްޕަވަނީ ކިތައްގަޑިއިރުތޯ؟
ގާތްގަނޑަކަށް 7 ގަޑިއިރު.

މެންދުރުފަހު އަވަހާރަފުޅު ލައްޕަވަންތޯ؟ މެންދުރުފަހު އަވަހާރަފުޅު ލެއްޕެވުމަކީ ކޮންކަހަލަ ކަމެއްތޯ؟
އާދެ. އެވަގުތު މާބޮޑު އެހެން ކަމެއް ނެތިއްޔާ ކޮންމެވެސް ވަރަކަށް ނިދާލަން. އަޅުގަނޑަކީ ވަރަށް ދަންވަންދެން މަސައްކަތުގައި އުޅެން ޖެހޭ މީހަކަށް ވާތީ، މެންދުރުފަހުން އަރާމުކޮށްލުމަކީ ވަރަށް ބޮޑު ތާޒާކަމެއް ލިބޭ ކަމެއް. އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާރޗިލް ވެސް ވިދާޅުވެފައިވޭ، މެންދުރުފަހުން ބައިގަޑިއިރެއްހާއިރު ނަމަވެސް ޖައްސާލުމަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެކޭ.

މަނިކުފާނަކީ މުނާސަބަތަކާ ގުޅޭ ގޮތުން ހެދުންކޮޅު ތުރުކުރައްވާ ބޭފުޅެއްކަން ފާހަގަކުރެވޭ، އެގޮތަށް ކަންތައް ކުރެއްވުމުގެ ސިއްރަކީ ކޮބައިތޯ؟
އަޅުގަނޑު ބަލަނީ ސާފުކޮށް ހުރެވޭތޯ. ތެދުތެދަށް ދަންނަވަންޏާ، ކޮންމެވެސް ވަރަކަށް ރީތި ހެދުން ލާހިތްވެސް ވޭ. އެއީ އަޅުގަނޑުގައި ހުރި އުނި ސިފައަކަށް ވެސް ވެދާނެ. އެކަމަކު، މާއަގު ބޮޑު އެއްޗެހި ލާހިތެއް ނުވޭ. ނުވެސް ލަން.

ތުނބުޅި ނުބަހައްޓަވަނީ ކީއްވެތޯ؟
ބަހައްޓާ ހިތް ނުވާތީ. އަދި އެއީ ކޮންމެހެން ބަހައްޓަން ޖެހޭ އެއްޗެއް ކަމަށް ނުފެންނާތީ.

ކައިވެންޏާ މެދު ދެކެވަޑައިގަންނަވަނީ ކޮން ނަޒަރަކުންތޯ؟
އެއީ ވަރަށް މުހިއްމު ކަމެއް. އުފާވެރި ކައިވެންޏަކީ ވަރަށް ބޮޑު ނިއުމަތެއް. ހަގީގަތުގައި އުފާވެރި ކައިވެންޏަކަށް ވުރެ ބޮޑަށް އިންސާނަކަށް ހިތްހަމަޖެހުން ލިބޭނެ ކަމެއް ނޯންނާނެ.

ހަޔާތުގެ ބައިވެރިއަކަށް ނަސްރީނާ ހިޔާރުކުރެއްވި ސަބަބުތަކަކީ ކޮބައިތޯ؟
އަޅުގަނޑު ވަކި ނަސްރީނާ ހިޔާރުކުރީކީ ނޫން. އަޅުގަނޑާ ނަސްރީނާއާ ދެމީހުން އެކަކު އަނެކަކު ހިޔާރުކުރީ. އަޅުގަނޑު ހިތުން އަޅުގަނޑުމެން ދެމީހުންކުރެ ކޮންމެ މީހަކަށް ވެސް، އަނެކަކާއެކު ދިރިއުޅުމަކީ އެމީހަކު ހިތްއެދޭ ކަމަކަށްވީ.

އަނބިކަބަލުންނަށް ފުރަތަމަ ލޯބި ހުށަހެޅުއްވީ މަނިކުފާނުތޯ؟
ޝައްކެއްވެސް ނެތް.

އަނބިކަބަލުން ބުރުގާ އެޅުއްވުމާމެދު ހިޔާލުފުޅަކީ ކޮބައިތޯ؟
އެއީ ކޮންމެހެން ލާޒިމު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. އޭނާ އަމިއްލައަށް އަޅަން ބޭނުންވެއްޖެނަމަ، އެއީ އޭނާގެ އިހުތިޔާރުގައި އޮތްކަމެއް.

ދެއަންބަށް މީހުނާ އިނުމާމެދު ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ؟
ދެއަންބަށް މީހުނާ އިނުމަކީ، ވަރަށް ހާއްސަ ހާލަތެއްގައި ނޫނީ އަދި ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫނީ ކޮށްގެންވާނެ ކަމެއް ނޫން. އަޅުގަނޑުމެންނަށް މިފެންނަ ގޮތަށް ކަމަކަށް ނުވާ ކަހަލަ ގޮތަކަށް ދެއަންބަށް މީހުނާ އިނުމަކީ އަޅުގަނޑު ވަރަށް ނުގަބޫލު ކަމެއް.

މަނިކުފާނުގެ ބޭފުޅުންނާ މެދު ކުރައްވާ އުއްމީދަކީ ކޮބައިތޯ؟
އަޅުގަނޑުގެ ކުދިންނާމެދު ކުރާ އުންމީދަކީ، އެކުދިންނަކީ ކިޔަވައިގެން ތިބި، އުޅުން ރަނގަޅު، އުފެއްދުންތެރި މަސައްކަތެއް ކުރާ އަދި ގައުމަށް ފައިދާހުރި ބަޔަކަށް ވުން. އިރާދަކުރެއްވީތީ، އަޅުގަނޑުގެ ދޮށީ ތިންކުދިން ވެސް ވަނީ ބޭރުގެ ޔުނިވަރސިޓީ ތަކުން މަތީ ތައުލީމު ހާސިލުކޮށްފާ. ހަގު ދަރިފުޅު އަދި ކިޔަވަނީ. އުޅެނީ އިނގިރޭސިވިލާތުގެ މެޑިކަލް ކޮލެޖެއްގައި. ދޮށީ ތިންކުދިން މިހާރު އުޅެނީ ރާއްޖޭގައި ތަފާތު މަސައްކަތްތަކުގައި.

ބޭފުޅުންގެ އަމިއްލަ ދިރިއުޅުއްވުން ހަރުދަނާ ކޮށްދެއްވުމުގައި މަނިކުފާނު އެއްވެސް ރޯލެއް އަދާކުރައްވަމުތޯ؟
އަޅުގަނޑުމެންގެ ކުދިންނަށް ހަރުދަނާ ތަރުބިއްޔަތެއް ހޯދައިދިނުމުގައި އަޅުގަނޑަށް ވެސް ވެވުނު މަސައްކަތެއް ކުރިން. މިހާރުވެސް ކުރަމުން ގެންދަން. އެކަމަކު ތެދުތެދަށް ދަންނަވަންޏާ، އަޅުގަނޑުމެންގެ ކުދިން ރަގަޅު ކުދިންކޮޅަކަށް ހެދުމުގައި އެންމެ ބޮޑު ރޯލެއް ކުޅުނީ ނަސްރީނާ.

މަނިކުފާނުގެ ބޭފުޅަކާއި ބެހޭގޮތުން، މިދޭތެރެއަކުން މައްސަލައެއް ޖެހުނު ކަމަށް ވާހަކަ ދެކެވޭ. އެއީ ތެދެއްތޯ؟
ނޫން. އެއީ ހަމަ މުޅިން ދޮގު ވާހަކައެއް. އިރާދަކުރެއްވީތީ، އަޅުގަނޑުގެ އެއްވެސް ކުއްޖަކަށް މިހާތަނަށް ރާއްޖޭގައި ވެސް އަދި ރާއްޖޭން ބޭރުގައި ވެސް އެއްވެސް މައްސަލައެއް ނުޖެހޭ. ﷲގެ ހެޔޮ ރަހުމަތްފުޅުން، އަޅުގަނޑުގެ ހުރިހާ ކުދިންނަކީ ވެސް ވަރަށް ރަނގަޅު ކުދިން. އެއިން އެއްވެސް ކުއްޖަކު މަސްތުވާ އެއްޗެއް ކީއްކުރަންތޯ، ސިނގިރެޓެއްގައި ވެސް ދުވަހަކު ވެސް އަތްލާފައެއް ނުވޭ. މިކަމަކީ، އަޅުގަނޑާ ނަސްރީނާ ވަރަށް ބޮޑަށް އުފާކުރާ، އަދި މާތް ﷲ އަށް ޝުކުރު ދަންނަވާ ކަމެއް. މިފަދަ މަގާމެއްގައި ހުންނަ މީހަކާ ނުރުހޭ ބަޔަކު ވެސް ތިބޭނެ. އެކަހަލަ މީހުން އަޅުގަނޑާ ބެހޭގޮތުން ނޭދެވޭ ވާހަކަ ދެއްކުމަކީ ވެދާނެ ކަމެއް. އެކަން އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު ދެރަވާ ކަމަކީ، އަޅުގަނޑާ ނުރުހޭ ބަޔަކު ނަމަވެސް، އެއްވެސް ކުށެއް ނެތް ކުއްޖަކު ނުވަތަ ބަޔަކު ބަދުނާމުވާ ގޮތަށް، ހަގީގަތެއް ނެތް ވާހަކަތަކެއް ހަދައިގެން ފަތުރަމުން ގެންދާކަން.

ރާއްޖޭގައި ވަރީގެ މައްސަލަ އިތުރުވަނީ ނުކިޔަވާ ތިބޭ މީހުންގެ ތެރޭގައި ކަމަށް ވާހަކަ ދެކެވޭ. މިކަމާމެދު މަނިކުފާނުގެ ހިޔާލުފުޅަކީ ކޮބައިތޯ؟
އެކިއެކި ނޭދެވޭ ކަންތައްތައް، ކިޔަވައިގެން ތިބޭ މީހުންގެ ތެރޭގައި ހިނގާ ވަރަށްވުރެ އެފަދަ ފުރުސަތެއް ލިބިފައި ނުވާ މީހުންގެ ތެރޭގައި ހިނގާލެއް ގިނަވާނެ. އެހެންވީމާ، ވަރިވެސް ގިނަވާނީ، ނުކިޔަވާ ތިބޭ މީހުންގެ ތެރޭގައި ކަމަށް ގަބޫލުކުރެވޭ.

އެންމެ ބޮޑަށް ކޯފާވަނީ ކޮންކަހަލަ ކަންކަމަކާ ދިމާވީމާތޯ؟
އެންމެ ބޮޑަށް ރުޅި އަންނަނީ، މީހަކު އަޅުގަނޑަށް ކަނޑައެޅިގެން ދޮގެއް ހަދައިފިއްޔާ. ނުވަތަ ގަސްތުގައި އަޅުގަނޑަށް ކަމެއް އޮޅުވާލަން އުޅެފިއްޔާ.

ކޯފާވެ ވަޑައިގަތުމުން، ހިތްޕުޅުގައި އުފެދެނީ ކޮންކަހަލަ ޝުއޫރުތަކެއްތޯ؟
ރުޅި އަންނަންޖެހޭ ކަމެއްގެ ގޮތުން، ހިތުގައި އުފެދޭ ޝުއޫރު ތަފާތުވާނެ.

ސިކުނޑިއަށް ހާސްކަން ލިބޭ ވަގުތުތަކުގައި ހިތްހަމަޖެހުން ހޯއްދަވަނީ ކޮންގޮތަކުންތޯ؟
އެކަހަލަ ވަގުތުތަކުގައި ހިތްހަމަޖެހުން ހޯދަނީ، އަޅުގަނޑަށް ލިބިފައިވާ ހާސްކަން ފިލުވައިދެއްވާތޯ ދުއާ ކުރުމުންނާ، މާތް ﷲ އަޅުގަނޑަށް ދެއްވާފައިވާ ނިއުމަތްތަކާ މެދު ވިސްނާ، އެނިއުމަތްތަކަށް ޝުކުރު ކުރުމުން.

އެންމެ ބިރުފުޅުގަންނަ ކަމަކަށް ދިމާވީ ކޮން ކަމެއްތޯ؟
ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލަ. އެދުވަހު ބިރުގަތީ ހަމައެކަނި އަޅުގަނޑާ އަޅުގަނޑުގެ އާއިލާގެ ސަލާމަތަށްޓަކައެއް ނޫން. އަޅުގަނޑު ބޮޑަށް ބިރުގަތީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށްޓަކައި، އަދި ގައުމުގެ މިނިވަންކަމަށްޓަކައި.

މަނިކުފާނުގެ ބެސްޓް ފްރެންޑް (އެންމެ ގާތް ރަހުމަތްތެރިޔާ) އަކީ ކޮބައިތޯ؟
އަޅުގަނޑުގެ އަންހެނުން ނަސްރީނާ

މަނިކުފާނުގެ ހޮބީއަކީ ކޮބައިތޯ؟
އަޅުގަނޑުގެ ވަރަށް ގިނަ ހޮބީ އެބަހުރި. އޭގެތެރޭގައި ފޮޓޯނެގުން، އެސްޓްރޯނޮމީ، ނޫސް މަޖައްލާ ކިޔުން، ވާހަކަ ކިޔުން ހިމެނޭ. އަޅުގަނޑު ވަރަށް ގިނަދުވަސް ވަންދެން ގަލަމުގެ އެކުވެރިން ވެސް ގެންގުޅުނިން.

ދެނެވަޑައިގަންނަވާ މަސައްކަތްޕުޅުތަކަކީ ކޮބައިތޯ؟
ކިޔަވައިދިނުމާއި، ރީތިކޮށް އަރަބި ލިޔުމާއި، ފޮޓޯނެގުމާއި، ބައެއްކަހަލަ މައުލޫތަކާ ބެހޭގޮތުން ދިރާސާކުރުމާއި، އަދި ކޮންމެވެސް ވަރަކަށް ލިޔުންތެރިކަމުގެ މަސައްކަތް.

އާންމުކޮށް ކްރިކެޓް ނޫން ކުޅިވަރެއް ކުޅުއްވާ ތަނެއް ނުފެނޭ. އެނޫން ކުޅިވަރެއް ކުޅުއްވަންތޯ؟
އާދެ. ކްރިކެޓް ނޫން އެހެން ބައެއް ކުޅިވަރު ވެސް ކުޅެން. އެންމެ ގިނައިން ކުޅެނީ ބެޑްމިންޓަން. ހިސާބަކަށް ޓޭބަލްޓެނިސް ވެސް ކުޅެން. ކެރަމާއި ރާޒުވާ ވެސް ކުޅެން.

އެއްވެސް ދުވަސްވަރެއްގައި ފުޓުބޯޅަ ކުޅުއްވިންތޯ؟
ފުޓުބޯޅައަކީ އަޅުގަނޑު ވަރަށް ބޮޑަށް ލޯބިކުރާ އަދި ބަލާހިތްވާ ކުޅިވަރެއް. އަދި މޮޅަށް ފުޓުބޯޅަ ކުޅެވޭނެ ނަމައޭ ވެސް އަޅުގަނޑު ހިތަށްއަރާ. އެކަމަކު، އަޅުގަނޑަށް ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ލިބިފައިވަނީ ވަރަށް މަދުން. އެއީ އަޅުގަނޑު ކިޔަވަން ހުރިއިރު.

ގޭތެރޭގައި އުޅުއްވާއިރު (އަމިއްލަފުޅަށް ސިއްރުން ނަމަވެސް) ލަވަ ވިދާޅުވަންތޯ؟
އެކަނި ހުންނައިރު ކޮންމެވެސް ވަރަކަށް ކިޔޭ. އެކަމަކު ރާގު ނުހުންނާތީ މީހުން ތިބޭ ތާކު ކިޔާކަށް ނުކެރޭ.

އިންޓަރނެޓް ކިހާވަރަކަށް ބޭނުން ކުރައްވަމުތޯ؟
ވަގުތު ލިބުނު ވަރަކުން ބޭނުން ކުރަން. އެއީ ވަރަށް ގިނަ ބޭނުންތެރި މައުލޫމާތު ލިބެން ހުންނަ ވަސީލަތެއް. އަދި ތިމާގެ މީހުންނާ ރަހުމަތްތެރިންނާ ވަރަށް ފަސޭހައިން ގުޅާލެވޭ ވަސީލަތެއް ވެސް މެ.

މަނިކުފާނުގެ ޕަރސަނަލް ވެބްސައިޓެއް ހުރޭތޯ؟ ނޫން ނަމަ އެކަމަށް ހިޔާލު ކުރައްވަންތޯ؟
އަޅުގަނޑުގެ އަމިއްލަ ވެބްސައިޓެއް އަދި ނުހުންނާނެ. އެއީ ރަނގަޅު ކަމަކަށް ވެސް ވެދާނެ. އެކަމަކު، އެއީ ވަރަށް ގިނަ ވަގުތު ބޭނުންވާނެ ކަމަކަށް ވާތީ، ނުކުރެވި އޮންނަނީ.

އީ-މެއިލް އެއް ގެންގުޅުއްވަމުތޯ؟ އަދި އީ-މެއިލް އެޑްރެހަކީ ކޮބައިތޯ؟
އާދެ. އީ-މެއިލް އެޑްރެހެއް ގެންގުޅެން. މިހާތަނަށް އަޅުގަނޑު އީ-މެއިލް ބޭނުންކުރަމުން މިއައީ، އަޅުގަނޑުގެ ކުދިންނާ އަދި ގާތްތިމާގެ މީހުން ރާއްޖޭން ބޭރުގައި އުޅޭ ވަގުތު، އެމީހުންނާ ގުޅުމަށް.

އިންޓަރނެޓުން ޗެޓް ކުރައްވަމުތޯ؟ ޗެޓް ކުރައްވާނަމަ އާންމުކޮށް ދިވެހިން ބޭނުންކުރާ ކޮޓަރި ޗެނެލަށް ވެދެވަޑައިގަންނަވަމުތޯ؟ ޗެޓް ކުރައްވާއިރު އާންމުކޮށް ބޭނުންކުރައްވާ ވަނަމަކީ ކޮބައިތޯ؟
ނޫން. ޗެޓެއް ނުކުރަން. އެކަހަލަ ކަމަކަށް ވަގުތެއް ނޯވޭ. އަދި އެއީ، ބޮޑަށް ޒުވާން ފުރައިގެ ކުދިން ފޫހިފިލުވާލަން ކުރާކަމެއް ކަން ނޭނގެ.

މިހާތަނަށް މަނިކުފާނު ތަޖުރިބާކުރެއްވި އެންމެ މަޖާ ހެއްވާ ހާދިސާއަކީ ކޮބައިތޯ؟
އަޅުގަނޑަށް ވަރަށް ގިނަ ހެއްވާ އަދި މަޖާ ކަންތައްތައް ދިމާވެފައިވޭ. އެވާހަކަތައް މިހާރު ދަންނަވައިފިއްޔާ ތިޔަ ނޫހުގެ ވަރަށް ގިނަ ސަފުހާތަކެއް ފުރިދާނެ.

ރައްޓެހިންނާ ބައްދަލުކުރައްވަންތޯ؟ އެކަމަށް ވަގުތު ހޯއްދަވަނީ ކޮންގޮތަކަށްތޯ؟
އާދެ. ރައްޓެހިންނާ ބައްދަލުކުރަން. ގިނައިން ބައްދަލުކުރެވެނީ ރަސްމީ މަސައްކަތްތައް ނިމުނީމާ ރޭގަނޑު. ނުވަތަ ޗުއްޓީ ދުވަސްދުވަހު.

ގޭތެރޭގައި ތުރުކުރައްވަނީ ކޮންކަހަލަ ހެދުންކޮޅެއްތޯ؟
ގޭތެރޭގައި އުޅެނީ އާދައިގެ ޓީޝާޓަކާއި ފަޓްލޫނެއް ލައިގެން. މީހަކާ ބައްދަލުކުރާނަމަ، އަތްކުރު ގަމީހަކަށް ބަދަލުކޮށްލަން.

އެއްވެސް ކަހަލަ އެއްގަމު އުޅަނދެއް ދުއްވަން ދެނެވަޑައިގަންނަވަމުތޯ؟
އަޅުގަނޑު ކާރުދުއްވަން ދަންނަން. މިހާރު އަމިއްލައަށް ކާރު ދުއްވާ ނޫޅުނަކަސް، އަޅުގަނޑު މިމަގާމަށް އައި ފަހުން ވެސް ދުވަސްތަކެއް ވަންދެން އަމިއްލައަށް ކާރު ދުއްވާ އުޅުނިން. އެކަން ވެސް ހުއްޓުނީ ނޮވެމްބަރ 3 ގެ ފަހުން.

ދިވެހި ތާރީހުން އެންމެ ޝައުގުވެރިވެވަޑައިގަންނަވާ ހާދިސާއަކީ ކޮބައިތޯ؟
ބޮޑުތަކުރުފާނު ރާއްޖެ މިނިވަން ކުރެއްވި ހާދިސާ

ތުއްޕުޅު އިރުގެ އެންމެ ދުރު ހަނދުމަފުޅަކީ ކޮބައިތޯ؟
އަޅުގަނޑުގެ އެންމެ ކުރީގެ އެއް ހަނދާނަކީ، އަޅުގަނޑު ވަރަށް ކުޑައިރު، އައްސުލްތާން ހަސަން ނޫރައްދީން ބައިސްކަލުކޮޅުގައި ވަޑައިގަންނަވާ ހަނދާން. އޭރު ބައެއް ދުވަސްދުވަހު ކާމިނީގޭ ދޮރޯށި ދޮށުގައި ބައްޕަ އަރިހުގައި އަޅުގަނޑު ހުއްޓާ، ހަސަން ނޫރައްދީން ބައިސްކަލުކޮޅުގައި ވަޑައިގަންނަވަމުން، ބައްޕައަށް ބަސްފުޅު ވިދާޅުވެފައި ވަޑައިގަންނަވާނެ. އޭރު މާލޭގައި ހުންނަނީ، މުޅިއެކު ދެބައިސްކަލު. އަނެއް ބައިސްކަލުކޮޅު ގެންގުޅުއްވަނީ، އަލްއަމީރު މުހައްމަދު ފަރީދު. ދުއްވާ އެހެން އެއްވެސް އެއްޗެއް އޭރަކު ނުހުރޭ. އެންމެން ވެސް އުޅެނީ ފައިމަގުގައި.

ދިވެހި ފިލްމީ ދާއިރާ މިހާރު އޮތް ހާލަތާމެދު މަނިކުފާނުގެ ހިޔާލުފުޅަކީ ކޮބައިތޯ؟
ރާއްޖޭގެ ފިލްމީ ދާއިރާ ވެސް އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް ތަރައްގީވަމުން. ވަރަށް ގިނަ ދަތިތައް ހުރުމާއެކު ވެސް، ރާއްޖޭގެ ފިލްމީ ދާއިރާ މިހާ އަވަހަށް ކުރިއަރަމުން ދާތީ ވަރަށް އުފާކުރަން. އެދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ސާބަސްދެން.

ދިވެހި ފިލްމީ ދާއިރާ މިހާރަށްވުރެ ރަނގަޅުކުރުމަށް ކުރެވޭނީ ކޮން ކަންކަމެއްތޯ؟
ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް އެބަހުރި. އެކަމަކު އެވާހަކަތައް ތަފުސީލުކޮށް ދެންނެވޭނީ އެހެން ފުރުސަތެއްގައި ކަން ނޭނގެ. ކުރުކޮށް ދަންނަވަންޏާ، އެދާއިރާއަށް ކިޔަވައިގެން ތިބި ގިނަ ހުނަރުވެރި ޒުވާނުން ވަނުމަކީ، މިހާރަށްވުރެ ފެންވަރު ރަނގަޅު ފިލްމުތަކެއް އުފެދޭނެ ކަމެއް.

އަދާކުރައްވާ މަގާމުގެ ގޮތުން އާންމު ދިރިއުޅުމަށް ކުރިމަތިވާ ހުރަސްތަކަކީ ކޮބައިތޯ؟
މިހާރު ދުނިޔޭގައި ކަންތައްތައް ހުންނަ ގޮތުން ސަލާމަތީގޮތުން ބަލަންޖެހޭ ކަންތައްތަކެއް ހުންނާތީ، އަޅުގަނޑު ބޭނުންވާ ވަރާ ގާތަށް ވެސް މީހުންގެ ތެރެއަށް ނުކުމެ ވާހަކަ ދައްކާ ނޫޅެވޭކަން. އަޅުގަނޑަކީ ވަރަށް ގިނަ މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކާ އުޅޭހިތްވާ މީހެއް.

ބޭރުގެ ގައުމުތަކުގެ ލީޑަރުންގެ ތެރެއިން އެންމެ ބޮޑު ގާތްކަމެއް ބާއްވަވަނީ ކޮން ބޭފުޅަކާތޯ؟
ވަކި ބޭފުޅަކާ ހާއްސަ ގާތްކަމެއް ބޭއްވުމަކީ ހަމަޖެހޭ ކަމެއް ނޫން.

ރާއްޖެއިން ބޭރުގެ ކިތައް ގައުމަށް ވަޑައިގެންފިންތޯ؟
ވަރަށް ގިނަ ގައުމުތަކަށް ދެވިއްޖެ. ކުއްލިއަކަށް އަދަދު ދަންނަވާކަށް ނޭނގެ. ބޭނުންފުޅިއްޔާ ފަހުން ދަންނަވާފާނަން.

އ.ދ. ގައި އެންމެ ފުރަތަމަ ކުރެއްވި ތަގުރީރުގެ ވަގުތު ކައިރިވަމުން އައިއިރު ކޮންކަހަލަ އިހުސާސްތަކެއް ކުރެއްވުނުތޯ؟
އަޅުގަނޑު އެންމެ ފުރަތަމަ އ.ދ. މަޖިލީހުގައި ތަގުރީރެއް ކުރީ 1976 ވަނަ އަހަރު. އޭރު އަޅުގަނޑު ހުރީ، ރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަ ދާއިމީ މަންދޫބުގެ މަގާމުގައި. އެދުވަހު ވަރަށް ޖެހިލުންވި. އެކަމަކު، އަޑުއައްސަވަން ތިއްބެވި އެހެން ބޭފުޅުން އަޅުގަނޑުގެ ތަގުރީރު ރަނގަޅުކަމަށް ވިދާޅުވުމުން ވަރަށް ހިތްހަމަޖެހުނު.

ދުނިޔޭގެ ތަފާތު ގައުމުތަކުގެ ވެރިން ހިމެނޭ ހަފުލާތަކުގައި ވާހަކަފުޅު ދައްކަވާއިރު، ފިނިވެވަޑައިގަތުން ނުވަތަ ޖެހިލުންވެ ވަޑައިގަތުން ފަދަ ކަމެއް އިހުސާސް ކުރެއްވޭތޯ؟
އެކަހަލަ ވަރަށް ގިނަ ޖަލްސާތަކުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިފައިވާތީ، މިހާރު މާބޮޑު ޖެހިލުމެއް ނުވޭ.

ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވަފާނަންތޯ؟
އަޅުގަނޑު އަބަދުވެސް އެންމެ އުޅޭހިތް ވަނީ ރާއްޖޭގައި. އިރާދަކުރެއްވިއްޔާ އަބަދު އުޅޭނީ ވެސް ރާއްޖޭގައި.

މަނިކުފާނު ރައީސްކަމުގައި ހުންނަވާތާ މިހާރު މިވީ 22 އަހަރު. މިފަސް އަހަރު ނިމުނީމާ ވެސް ތިޔަ މަގާމުގައި ހުންނަވަން ގަސްތުކުރައްވަމުތޯ؟
ތިޔަ ސުވާލުކުރެއްވުމުގެ ވަގުތު އަދި ނާދޭ. ރިޔާސީ އިންތިހާބާ ބެހޭ ވާހަކަ ދެއްކުން ރަނގަޅުވާނީ، ގާނޫނުގައި ބުނާ ވަގުތު އައީމާ.

ފުރިހަމަ ނަން: މައުމޫނު އަބްދުލްގައްޔޫމް

އުފަން ތާރީހު: 29 ޑިސެމްބަރ 1937

އުމުރު: 62 އަހަރު

ތައުލީމު ހާސިލުކުރި ތަންތަން: ދިވެހިރާއްޖެ، ސްރީލަންކާ، މިސުރު

ތައުލީމީ ފާސްތައް: - އެމް.އޭ. (ޝަރީއާ އާއި ގާނޫނު) އަލްއަޒުހަރު ޔުނިވަރސިޓީ، މިސުރު
ބީ.އޭ. (އިސްލާމީ ދިރާސާތަކާއި ގާނޫނު) އަލްއަޒުހަރު ޔުނިވަރސިޓީ
ޑިޕްލޮމާ އޮފް އެޑިޔުކޭޝަން، އަލްއަޒުހަރު ޔުނިވަރސިޓީ

އެންމެ މަގުބޫލު ނޫސް: ރާއްޖޭގައި ނުކުންނަ ހުރިހާ ނޫހެއް ވެސް އަޅުގަނޑަށް ވަރަށް ރަނގަޅު.

މަގުބޫލު ކެއުން: ރިހާކުރާ ބަތާ ދިޔާހަކުރާ ވަޅޯމަހާ

މަގުބޫލު ލަވަ: އަޅުގަނޑަކީ ވަރަށް ގިނަ ވައްތަރުގެ ލަވަ ރީތިވާ މީހެއް. އޭގެތެރޭގައި ދިވެހި ލަވަޔާ، ހިންދީ ލަވަޔާ، އަރަބި ލަވަޔާ، އިނގިރޭސި ލަވަ ހިމެނޭ. އެހެންވީމާ، ވަކިލަވައެއް ދަންނަވާކަށް ފަސޭހައެއް ނޫން.

އެންމެ އަޅާ ހިތްވާ ހެދުން: ޓީޝާޓާއި ފަޓުލޫނު

އެންމެ މަގުބޫލު ލަވަކިޔުންތެރިޔާ: ރާއްޖޭގެ ލަވަކިޔުންތެރިންގެ ތެރޭގައި ވަރަށް ރީތިކޮށް ލަވަކިޔާ މީހުން އެބަތިބި. ވަކިނަމެއް ދެންނެވުން މާހަމަޖެހޭ ކަމަކަށް ނުވާނެ ކަން ނޭނގެ. ބޭރުގެ ލަވަކިޔުންތެރިންގެ ތެރެއިން އަޅުގަނޑު އެންމެ އަހާހިތްވަނީ މުހަންމަދު ރަފީއާއި، ލަތާ އާއި، އުންމުކުލްސޫމާއި، ޑޮރިސްޑޭ ގެ ލަވަތައް.

އެންމެ މަގުބޫލު ފިލްމު: ވަރަށް ގިނަ ރީތި ފިލްމު އެބަހުރި. ވަކި ފިލްމެއް ދަންނަވަން ދަތި.

އެންމެ ކިޔާހިތްވާ ވާހަކަ ފޮތް: ވަރަށް ގިނަ ވައްތަރުގެ ވާހަކަ ކިޔާހިތްވޭ.

އެންމެ މަގުބޫލު ލީޑަރު: ޖަމާލް އަބްދުއްނާސިރު

އެންމެ އުފާވި ދުވަސް: އަޅުގަނޑު ކައިވެނި ކުރި ދުވަސް

އެންމެ ދެރަވި ދުވަސް: އަޅުގަނޑު މިސުރުގައި ކިޔަވަން ހުއްޓާ މަންމަ އަވަހާރަވި ހަބަރު ލިބުނު ދުވަސް

އެންމެ ޒިޔާރަތްކުރާ ހިތްވާ ބޭރުގެ ގައުމު: ވަރަށް ގިނަ ތަންތަނަށް ދާހިތްވޭ.

ރާއްޖެއިން އެންމެ ޒިޔާރަތްކުރާ ހިތްވާ ރަށް: ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް، ޒިޔާރަތްކުރާ ހިތްވޭ

މީރުވަސް ދުވާ ސެންޓު: ރޯޔަލް ކޯޕަންހޭގަން

ސަޕޯޓުކުރާ ފުޓުބޯޅަ ޓީމު: ރާއްޖޭގެ ވަކި ޓީމެއް ދެންނެވުމަކީ ހަމަޖެހޭ ކަމެއް ނޫން. ބޭރުގެ ގައުމީ ޓީމުތަކުގެ ތެރެއިން ބްރެޒިލް، ކްލަބްތަކުގެ ތެރެއިން އިނގިރޭސިވިލާތުގެ ލިވަރޕޫލް، އަދި މިސުރުގެ އަހުލީ

ސަޕޯޓުކުރާ ކުޅުންތެރިޔާ: މިސުރުގައި އަޅުގަނޑު ކިޔަވަން ހުރި ދުވަސްވަރު ބްރެޒިލް ޓީމު މިސުރުގައި ކުޅުނު. އަޅުގަނޑު އެދުވަހު ދަނޑަށް ދިޔައިން. އެދުވަހު ޕެލޭ ކުޅެނިކޮށް ވެސް އަޅުގަނޑު ދުށިން. އެދުވަހުއްސުރެ އަޅުގަނޑުގެ އެންމެ މަގުބޫލު ކުޅުންތެރިޔަކީ ޕެލޭ.


Free Machine January 7, 2007

No Comments »

No comments for this article yet.

Leave a comment

RSS feed for comments on this post. | TrackBack URI