ވަޔަށް، ޖައްވަށް، ފަޒާޔަށް ތަގުރީރު

(އަހަރެމެން އެންމެންނަކީ ވެސް މެޝިން ތަކެކެވެ. ނިޒާމުގެ އަޅުންނެވެ. އަހަރެމެންގެ ސިކުނޑިތައް މިނިވަން ކޮށްގެން މެނުވީ އަހަރެމެންނަކަށް މިނިވަނެއް ނުވެވޭނެއެވެ.)

20 ސެޕްޓެމްބަރ 2003 ވަނަ ދުވަހުގެ އިރު އޮއްސި އަނދިރި ވެއްޖެއެވެ. މާލޭގެ އެކި ހިސާބުތަކުގައި ހިގުމުގެ ސަބަބުން ވެފައި ހުރި ވަރުބައްޔާއި، ކަރުހިއްކުން ފިލުވުމަށްޓަކައި ރައްޓެއްސަކާ އެކުގައި ވަނީ ހޮޓަލަކަށެވެ. ހަނދާން މާ ބަލި ނޫން ނަމަ އޭރު ވެސް ޓީވީ އިން އަންނަނީ ގުރުއާނެވެ. އަށެއް ޖަހަން ކައިރިވީއެވެ. ކުއްލިއަކަށް ޓީވީއަށް މައުމޫނުގެ ފޮޓޯއެއް އަރާފައި ޤައުމީ ސަލާން އަންނަން ފެށިއެވެ. އޭނާގެ ތަޤުރީރު ދެން ފެންނަން ފެށިއެވެ.

ބިސްމިﷲ ރަޙުމާނިއްރަހީމް

އަލްޙަމްދު ލިﷲ ރައްބިލް ޢާލަމީން. ވައްޞަލާތު ވައްސަލާމް ޢަލާ އަޝްރަފިލް މުރުސަލީން. ސައްޔިދިނާ މުޙައްމަދިން ވަޢަލާ އާލިހީ ވަ އަޞްހާބިހީ އަޖްމަޢީން.

އަޅުގަނޑު މިރޭ ޓެލެވިޜަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ މި ބައްދަލުކޮށްލީ، ވަރަށް ބޮޑު ކަމެއް ދިމާވެގެން އަޅުގަނޑުގެ އިލްތިމާސެއް ދަންނަވާލުމަށްޓަކާ. އާދެ! މާފުށީ ޖަލުގައި ހިނގި ހާދިސާތަކަކާ ގުޅިގެން މިހާރު މާލޭގެ ޙާލަތު ވަރަށް ނުރައްކާތެރި ހިސާބަކަށް ހިގައްޖެ. ވަރަށް ގިނަ މީހުން މަގުމައްޗަށް ނުކުމެ، އެކިދިމަ ދިމާއިން އެއްވެ، އެކިއެކި ޢިމާރާތްތަކަށް ގާއުކައި، އެނޫން ވެސް ގެއްލުންތައް ދެމުން އެބަ ގެންދޭ. އޭގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ހާނީއްކަ ލިބެމުން ވެސް އެބަދޭ.

އަޅުގަނޑަކީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށާއި، އަދި ދިވެހިރާއްޖޭގެ އަމަން އަމާންކަމާއި ޞުލްޙަ މަޞްލަޙަތު ރައްކާތެރިކުރުމަށްޓަކައި އިންތިޚާބުކުރައްވާފައިވާ މީހާ. އެހެންވީމާ އަޅުގަނޑު ދިވެހިރާއްޖޭގެ ލޮބުވެތި އަދި ވަފާތެރި ރައްޔިތުންގެ އަރިހުން މި އެދެނީ ހުރިހާ ބޭފުޅުން ވެސް ހަމަޖެހިވަޑައިގެން، ގޭގެއަށް ވަޑައިގެން، އަދި އަޅުގަނޑުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ފުރުޞަތު ދެއްވުން. މިކަމާއި ބެހޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ކުށްވެރިވާ ބަޔަކު ހޯދައި، އެބަޔަކާއި ދޭތެރޭގައި ޤާނޫނީ ފިޔަވަޅު އަޅައި އަދަބު ދިނުމަށްޓަކައި އަޅުގަނޑު ކުރަން ޖެހޭ ކަންތައްތައް ކުރުމުގެ ފުރުޞަތު ދެއްވުން.

އާދެ! ހިގާ ދިޔަ ހާދިސާތަކަކާއި ބެހޭ ގޮތުން އެއްޗެއް ދަންނަވާލަންޏާ ވަރަށް ހިތާމަވެރި ދެ ޙާދިސާއެއް ވަނީ ހިގާފަ. އެ ދެ ޙާދިސާމެ މިހިގީ ވަކިވަކިން. އޭގެ ތެރެއިން އެއް ޙާދިސާއަކީ ރޭގައި ޖަލުގައި ހިގި ޙާދިސާއެއް. އާދެ، ޖަލުގައި ހިގި ހަމަނުޖެހުންތަކެއްގެ ތެރޭ މީހަކު ވަނީ މަރުވެފަ. މިއީ އަޅުގަނޑު ވަރަށް ހިތާމަ ކުރާ ކަމެއް. މިކަމާ ބެހޭ އިތުރު ތަފުސީލު އަދި އެކަމާ ބެހޭ ގޮތުން ސަރުކާރުން މިހާރު އަޅަން ގަސްދުކޮށްފައިވާ ފިޔަވަޅުތަކުގެ ވާހަކަ އަޅުގަނޑު އިރުކޮޅަކުން ދަންނަވާލާނަން.

ދެވަނަ ޙާދިސާއަކީ މިއަދު ޖަލުގައި ހިގި ޙާދިސާއެއް. އާދެ. އެކިއެކި ގޮޅިތަކުގައި ބަންދުކޮށްފައި ތިބި ކުށްވެރިން ނުކުމެ، ގޮޅިތައް ތަޅާލައި، ނުކުމެ އެތާގައި ތިބި ގާޑުންނަށް ޙަމަލަދީ، އަދި އެންމެ ފަހުން ބަޑިގުދަނާއި ދިމާއަށް އައިސް ބަޑިގުދަނަށް ޙަމަލަދީ މިކަންތައްތައް ހިންގީ. އެހެން ކަމުން ސަރުކާރަށް ޖެހުނީ އެވަގުތު ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް މަޖުބޫރުން އަޅަން. އާދެ، އެތާގައި ތިބި ސިފައިންގެ މީހުން، ބަޑިގުދަން ރައްކާތެރިކުރަން ތިބި ސިފައިންގެ މީހުން، ފުރަތަމަ އެމީހުންނަށް ނަސޭހަތްދީ އިންޒާރުކޮށް، އެމީހުން ފަހަތަށް ނުދިއުމުން ވަޔަށް ބަޑި ޖަހައި، ވަޔަށް، ޖައްވުގެ ތެރެއަށް، ފަޒާގެ ތެރެއަށް ބަޑި ޖަހައި، އެވަރުން ވެސް ކޮންޓްރޯލް ނުވެގެން އެންމެ ފަހުން ޖެހުނީ ބައެއް މީހުން ގަޔަށް އުންޑަ އަރާގޮތަށް ހަތިޔާރުގެ ބޭނުން ކުރަން. މިއީ ވެސް އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމެއް. މިކަހަލަ ކަމެއް ވުމަކީ އެއްގޮތަކަށް ވެސް އަޅުގަނޑު އެދޭ ކަމެއް ނޫން. އަދި ދިވެހި ރައްޔިތުންގެ ތެރެއިން ވެސް އެއްވެސް ބޭފުޅަކު އެދިވަޑައިގަންނަވާނެ ކަމެއް ނޫން.

ދަންނަވާލަން ބޭނުންވަނީ މިއަދު މިހިގި ހާދިސާގެ ސަބަބުން އެކިއެކި އަނިޔާ ލިބުނު މީހުން، މިހާރު ވަނީ އެމީހުންނަށް ފަރުވާ ދޭން ފަށާފައޭ. އޭގެ ތެރެއިން ހަތަރު މީހަކުގެ ޙާލަތު ތަންކޮޅެއް ނުރައްކާ ކަމަށް ޑަކްޓަރުންނަށް ފެނިވަޑައިގަންނަވާތީ އެމީހުން މިހާރު ވަނީ މާލެ ގެނެވިފައި. ވަރަށް އަވަހަށް ހޮސްޕިޓަލުން އެމީހުންނަށް ފަރުވާ ދޭން ފެށޭނެ. މިނުކުތާގައި ދަންނަވާލަން ބޭނުންވާ ވާހަކައަކީ މާތް ﷲގެ ހެޔޮ ރަޙުމަތްފުޅުން މިއަދު މިހިގި ޙާދިސާގައި އެއްވެސް މީހެއްގެ ފުރާނައަކަށް ގެއްލުމެއް ލިބިފައެއް ނެތޭ. އަދި އިރާދަ ކުރެއްވިއްޔާ އެއެންމެންނަށް ދޭންޖެހޭ ފަރުވާ ސަރުކާރުން ދެމުން ގެންދާނެއޭ. އަޅުގަނޑު އެދެނީ އަދި އަޅުގަނޑު ﷲ ގެ ޙަލުރަތުގައި ދުޢާ ދަންނަވައި އިބްތިހާލު ކުރަނީ، މިއަދުގެ މި ޙާދިސާގައި ހާނީއްކަވީ އެންމެންނަށް މާތް ﷲ އަވަސް މަގަކުން ޝިފާ ދެއްވައި، އެ އެންމެންނަށް ފުރިހަމަ ޞިއްޙަތާއި، ޢާފިޔަތު ދެއްވުން.

އާދެ، ރޭގެ ވާހަކަ ދެން ދަންނަވާލަން އަޅުގަނޑު ބޭނުންވަނީ. ރޭގައި ހިގި ޙާދިސާގައި، ދިވެއްސަކު، އާދެ، ޖަލުގައި ބަންދުކޮށްފައިވާ މީހަކު، ޒުވާނަކު، މަރުވެއްޖެ. އެއީ ކުރިން ވެސް ދެންނެވި ފަދައިން އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމެއް. އަޅުގަނޑު މިއަދު އޭނާގެ މޫނު ދެކެލަން ސަހަރާއަށް ދިޔައިން. އޭނާގެ ޢާއިލާ އާއި ބައްދަލުކޮށް އަޅުގަނޑުގެ، އަޅުގަނޑަށް ކުރެވެމުން ދިޔަ ފުން އަސަރުގެ ވާހަކަ އާއި، ފުން ހިތާމައިގެ ވާހަކަ ޢާއިލާގެ މީހުން ގާތު އަޅުގަނޑު ބުނިން. އަދި ޢާއިލާގެ އެންމެންނަށް އަޅުގަނޑުގެ އިޚުލާޞްތެރި ތަޢުޒިޔާ ރައްދުކުރިން. މިކަމާއި ބެހޭ ގޮތުން ދަންނަވާލަން ޖެހެނީ މިކަން ވަރަށް ފުރިހަމަ ގޮތެއްގައި ބެލުމަށްޓަކައި އަޅުގަނޑު މިހާރު ވާނީ ރިޔާސީ ކޮމިޝަނެއް އުފައްދާފައޭ. އެކޮމިޝަންގައި ތިއްބަވާނީ ވަރަށް އިތުބާރު ކުރެވޭ، ވަރަށް ހަރުދަނާ، ރަގަޅު ބޭފުޅުންކޮޅެއް. އެހެންވީމާ އެކޮމިޝަނުން ވަރަށް ރަގަޅަށް މި މައްސަލަ ބައްލަވާނެ. އެކޮމިޝަނަށް ފެނިވަޑައިގަންނަވާ ކޮންމެ މީހަކު އެކޮމިޝަނަށް ޙާޒިރުކުރެވޭނެ. ޙާޒިރުކުރެވިފައި އަދި އެކޮމިޝަނުން ކުރައްވާ ސުވާލުތަކަށް އެމީހާ ޖަވާބު ދޭން ޖެހޭނެ. ކޮމިޝަނުގެ ތަޙުޤީޤު ނިމުނީމާ މިކަމުން ކުށްވެރިވާކަމަށް އެގޭ އެންމެންނާ މެދު ސަރުކާރުން ވަރަށް ހަރުކަށި ޤާނޫނީ ފިޔަވަޅު އަޅާނެ. އާދެ، އެމީހުންގެ މައްސަލަ އިސްލާމީ ޝަރީޢަތާ ރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ޝަރީޢަތަށް ހުށަހެޅި، އެމީހުންނަށް ޝަރީޢަތުން ދެއްވާ އަދަބެއް އެމީހުންނަށް ލިބޭނެ. އާދެ، މިނުކުތާގައި ދަންނަވާލަން ބޭނުންވަނީ ސަރުކާރުން ފުރަތަމަ ބެލި ބެލުމުގައި މިކަމުގައި ޝާމިލްވާ ކަމަށް ފެނުނު ސިފައިންގެ ފަސް މީހަކު މިހާރު ވަނީ ސިފައިންގެ ވަޒީފާއިން ވަކި ކުރެވި، ހައްޔަރު ކުރެވިފައޭ. އެމީހުންނާ ބެހޭ ގޮތުން މިހާރު ތަޙުޤީޤު ހިގަމުން ދަނީ.

އާދެ، މިކޮމިޝަނަކީ މުޅިން މުސްތަޤިއްލު ކޮމިޝަނެއް. އެ.. ސަރުކާރުގެ އެއްވެސް ފަރާތެއްގެ ނުފޫޒު އެ ކޮމިޝަނުގެ މައްޗަކަށް ނުހިގާނެ. އެކޮމިޝަނުން ރިޕޯޓު ދެއްވާނީ ސީދާ އަޅުގަނޑަށް. އެކޮމިޝަނަށް ދަންނަވަން ޖެހޭ ވާހަކައެއް ދަންނަވާނީ ސީދާ އަޅުގަނޑު. އެހެން އެއްވެސް ފަރާތެއް މެދުވެރި ނުކޮށް. އެހެންވީމާ އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ މިކޮމިޝަނުން އެ މައްސަލަ ބައްލަވާނީ ވަރަށް ރަގަޅަށް ކަމަށް. އަދި މިކަމުގެ ތުހުމަތު އެޅޭ އެންމެން އަދި މިކަމުގައި ޝާމިލްވާ ކަމަށް ފެންނަ އެންމެން، އެއީ އަދި ސިފައިންގެ މީހަކަށް ވިޔަސް، އަދި ކޮންމެ ފެންވަރެއްގެ މީހަކަށް ވިޔަސް، އެމީހަކާއި ބެހޭގޮތުން ޤާނޫނީ ފިޔަވަޅު އެޅޭނެކަން.

އަދިވެސް ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. އާދެ، އެއީ އެ ކޮމިޝަންގެ އިރުޝާދުގެ މަތިން މުސްތަޤުބަލުގައި މިފަދަ ހިތާމަވެރި ޙާދިސާއެއް މެދުވެރި ވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެކަން. އެހެންވީމާ އަޅުގަނޑު އެދެނީ ދިވެހި ރައްޔިތުން، މިކަމުގެ ހިތާމައިގައި ޝާމިލްވެ ވަޑައިގަންނަވާ ބޭފުޅުންނާ، މިކަމުގައި ކަންބޮޑުވެ ވަޑައިގެން އުޅުއްވާ ހުރިހާ ބޭފުޅުންނާ، އަޅުގަނޑު މިދެންނެވި ވާހަކަތަކަށް ސަމާލުކަން ދެއްވައި، އަދި ހުރިހާ ބޭފުޅުންމެ ކިޔަމަންތެރިކަމާއި މަޑުމައިތިރިކަމާއި އެކު ގޭގެއަށް ވަޑައިގެން އަޅުގަނޑު މިކަން ޙައްލުކުރުމަށްޓަކައި، ޤާނޫނީ ގޮތުން އަޅުގަނޑު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވުން.

އަދި އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު ރޭގެ ޙާދިސާގައި މަރުވެދިޔަ ޒުވާނާގެ މަންމައަށާ، ބައްޕައަށާ، ޢާއިލާގެ އެހެން މީހުންނަށް އަޅުގަނޑުގެ އެންމެ އިޚުލާޞްތެރި ތަޢުޒިޔާ ދަންނަވަން. އަދި އެބޭފުޅުންނަށް ޔަޤީންކޮށް މިއަރުވަނީ މިކަމުގައި ޝާމިލްވާ މީހުން ކުރިން ވެސް ދެންނެވި ފަދައިން، އެމީހުންނާ މެދު ޝަރީޢަތް ހިންގި، އެމީހުންނަށް ދޭން ޖެހޭ އަދަބު ދެވޭނެ ކަމަށް. ރައްޔިތުން މަޑުމައިތިރިވެ ވަޑައިގެން ކިޔަމަންތެރިކަމާއި އެކީގައި ތިއްބެވުމަކީ އަޅުގަނޑުގެ ވަރަށް ޚާއްޞަ އިލްތިމާސެއް. އަޅުގަނޑުގެ ކޮންމެ އިލްތިމާސަކަށް ރައްޔިތުން ދެއްވަނީ ވަރަށް ފުރިހަމަ އިޖާބައެއް. އެކަމަށްޓަކައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިރޭ އަޅުގަނޑު މިކުރި އިލްތިމާސަށް ވެސް ރައްޔިތުން ވަރަށް ފުރިހަމައަށް އިޖާބަ ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމުގައި އަޅުގަނޑު ހުރި ވާހަކަ ދަންނަވާލަން.

މާތް ﷲ ދިވެހި ޤައުމަށް އަބަދުވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވާށި. ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަ މަޞްލަޙަތު ރައްކާތެރި ކުރުމުގެ ތައުފީޤާއި ވިސްނުން އަޅުގަނޑުމެންނަށް ދެއްވާށި. އަޅުގަނޑުމެންގެ ތެރެއިން ކުށްކުރާ މީހުންނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރާއި ތައުފީޤު ވެސް އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވާށި.

ވައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތު


Free Machine August 1, 2006

2 Comments »

  1. foolish maumoon

    Comment by noname — 20 April 2008 @ 5:49 pm

  2. maumoon tha 4h balhaa…

    Comment by falah — 11 May 2008 @ 7:32 pm

Leave a comment

RSS feed for comments on this post. | TrackBack URI