މޯލްޑިވްސް ޓުޑޭ ގެ މާލޭ ކަރަސްޕޮންޑެންޓް
ބުރާސްފަތި ދުވަހުގެ ރޭ މާލޭ ހެދި ގޮނޑުދޮށުގައި ބޭއްވި ހަފުލާއަކާއި އެކު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހަންމަދު ނަޝީދު (އަންނި) އޭނާގެ ކެމްޕޭން ރަސްމީ ގޮތުން ފައްޓައިފިއެވެ. ޕާޓީތަކެއް ވާދަކުރާ ގޮތަށް ދިވެހި ރާއްޖޭގައި ބޭއްވޭ ފުރަތަމަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އަންނި ވައުދު ވަނީ ދިވެހިން “އަނެއް ދިވެހިރާއްޖެ” އަށް ގެންގޮސް ދިނުމަށެވެ.
އެއްވެފައި ތިބި ގާތްގަނޑަކަށް 3،500 މީހުންނާއި މުހާތަބުކޮށް، އަދި ދިޓީވީގެ ފަރާތުން ލައިވްކޮށް ގެނެސް ދެމުން ދިޔަ ހަފުލާގައި، އަންނި އޭނާގެ “އަނެއް ދިވެހިރާއްޖެ” ސިފަކޮށްދިނެވެ. އެއީ ދަތުރު ފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލެވިފައިވާ، ސިއްހީ ފަރުވާ ހޯދުމަށް ސަލާން ޖަހަން ނުޖެހޭ، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ލިބޭ، ދިރިއުޅުމުގެ އަގު ތިރިވެފައިވާ، އަދި މަސްތުވާތަކެއްޗަށް މިހާރު ހުޅުވިފައިވާ ދޮރުތައް ބަންދުކުރެވިފައިވާ ދިވެހިރާއްޖެ އެކެވެ.
މައުމޫން އަބްދުލް ގައްޔޫމްގެ ދޯދިޔާ އަދި އަނިޔާވެރި ވެރިކަމުގެ ދަށުގައި 30 އަހަރު ވޭތުކުރުމަށްފަހުގައި ތަފާތު ބަދަލުތަކެއް ގެނެސްދޭނެ ވެރިކަމެއް ލިބޭތޯ ދިވެހިން ދަނީ އުންމީދު ކުރަމުންނެވެ. މިފަހަރު ވެރިކަމަށް ކުރިމަތިލާ ޕާޓީތަކާއި މީހުންގެ ވައުދުތައް ދިވެހިން ދިރާސާ ކުރާއިރު، ދިވެހިރާއްޖެއަށް ޕާޓީ ނިޒާމާއި ޑިމޮކްރެސީ ތައާރަފު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި އެމްޑީޕީ އާއި މެދު ރައްޔިތުންގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ.
މިއަހަރަކީ އެމްޑީޕީގެ ތެރޭގައި ކޮންމެވެސް މިންވަރަކަށް ހަމަނުޖެހުންތަކެއް އުފެދުނު އަހަރެކެވެ. ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީއަށް ފަހުގައި ބައެއް މެންބަރުން ޕާޓީގެ ކަންތައްތައް ހިގާ ގޮތާއި މެދުގައި ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެއެވެ. އަދި ދާދި ފަހުން ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ އެމްޑީޕީއިން ވަކިވެ، އަލަށް އުފެދުނު ޖުމްހޫރީ ޕާޓީއާއި ގުޅިފައެވެ. އަދި މިދިޔަ ހަފުތާގައި ޕާޓީގެ ރައީސް އަދި ކުރީގެ އެޓާނީ ޖެނެރަލް ޑރ މުހައްމަދު މުނައްވަރު ވަނީ މަގާމުން އިސްތިއުފާދީ އެމްޑީޕީއިން ވަކިވެފައެވެ. އަދި އޭނާ ވިޔަފާރިވެރިންގެ މަސްލަހަތު ހިމެނޭ ޖުމްހޫރީ ޕާޓީ އާއި ގުޅޭނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ސިފަ ކުރާގޮތުގައި ޕާޓީގެ މައްސަލަތައް މަދުވެ، ޕާޓީ މިހާރު ވަނީ “ސާފު” ވެފައެވެ. ބުރާސްފަތި ދުވަހުގެރޭ ހެދި ގޮނޑުދޮށަށް އެއްވެ ތިބި މީހުންގެ ކިބައިން ފެނުނީ އާ އަޒުމަކާއި އެކު، މިފަހަރު މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ހިތްވަރެވެ.
ދިވެހިރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގެ މަސައްކަތުގައި އިގިރޭސި ވިލާތުގައި ސިޔާސީ ހިމާޔަތް ހޯދައިގެން ހުރުމަށްފަހު 2005 ވަނަ އަހަރު އަންނި ދިވެހިރާއްޖެއަށް އެނބުރި އައީ އެމްޑީޕީ ރަސްމީ ގޮތުން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށުމަށެވެ. އެއަހަރު ދިވެހިރާއްޖޭގައި ޕާޓީ ނިޒާމު ތައާރަފުވިއެވެ. އޭގެ އެއް އަހަރު ކުރިން އޯގަސްޓް 12-13 ގައި ޖުމްހޫރީ މައިދާނުގައި ދިވެހިން ޑިމޮކްރެސީއަށްޓަކައި ކުރި މުޒާހަރާ ހަނދާން ކުރުމުގެ ގޮތުން އަންނި ޖުމްހޫރީ މައިދާނުގައި އިށީދެގެން އިންދާ 12 އޯގަސްޓް 2005 ވަނަ ދުވަހު، ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އެމްޑީޕީގެ ރިޔާސީ ކެމްޕޭން ރަސްމީ ގޮތުން ފެއްޓީ ފުރަތަމަ ކަޅު ހުކުރަށް ހަތަރު އަހަރު ފުރުނުތާ އެއް ދުވަސް ފަހުންނެވެ.



