އިސްލާހީ ތަގުރީރަށް ތިން އަހަރުވީއިރު އިސްލާހުތައް ފޭލްވެފައި

(އަހަރެމެން އެންމެންނަކީ ވެސް މެޝިން ތަކެކެވެ. ނިޒާމުގެ އަޅުންނެވެ. އަހަރެމެންގެ ސިކުނޑިތައް މިނިވަން ކޮށްގެން މެނުވީ އަހަރެމެންނަކަށް މިނިވަނެއް ނުވެވޭނެއެވެ.)

އެއީ މީގެ ބަރާބަރު ތިން އަހަރު ކުރިއެވެ. 9 ޖޫން 2004 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލުގައި އަހަރެން އިށީދެ އިނީ އެތާގައި ވާނެ ކަންތައް ކުރިން އެގިގެންނެއް ނޫނެވެ. ނަމަވެސް މުހިންމު ޖަލްސާއެއް ކަމަށް އެގިފައި އޮތީތީވެ، އަދި ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރަކަށް ވީތީވެއެވެ. ގައުމަށް ބަދަލުތަކެއް އައުމަށް ބޭނުންވެފައި ތިބި އެތައް ބަޔަކު އަހަރެންނެކޭ އެއްފަދައިން އެހޯލުގައި އިށީދެ ތިއްބެވެ. އަދި ހޯލުން ޖާގަ ނުލިބިގެން ބޭރުގައި ވެސް ތިއްބެވެ.

Gayyoom June 2004ޖަލްސާ ވެގެން ދިޔައީ ރާއްޖޭގައި ގިނަ އަހަރުތަކެއް ވަންދެން ވެރިކަން ކޮށްފައި ހުރި އަދި ކުރަމުން ގެންދާ މައުމޫނު އަބްދުލްގައްޔޫމްގެ “ވަން މޭން ޝޯ” އަކަށެވެ. އޭނާ ހާމަކުރިގޮތުގައި ޖަލްސާގެ ބޭނުމަކީ ގާނޫނު އަސާސީ އިސްލާހުކުރުމުގައި އިސްކަން ދޭން ޖެހޭ ކަމަށް އޭނާ އަށް ފެންނަ ކަންތައް ރައްޔިތުންނާއި ޙިއްޞާކޮށްލުމަށެވެ. އޭނާ ހާމަކުރި ކަންތައްތަކުގެ ތެރޭ ގިނައީ ހަމަ ރަގަޅު އިސްލާހު ތަކެވެ. އެތައް ދުވަހެއް ވަންދެން ރައްޔިތުން ބޭނުންވެގެން ކެތްތެރިކަން ކޮޅުން ލާފައި ތިބި ކަންތައްތަކެކެވެ.

އޭގެ ތެރެއިން ގިނަ ކަންތައްތަކަކީ ބަދަލު ބޭނުންވާ މީހުން ތަފާތު ތަންތަނުގައި ފާހަގަކޮށްފައިވާ ކަންތައްތަކެވެ. ބައެއް ލިޔުންތެރިން ސަންދާނު ފަދަ ނޫސްތަކުގައި ވެސް ލިޔެ ފާޅުކޮށްފައިވާ ހިޔާލުތަކެވެ. ކުރުކޮށް ބުނަނީނަމަ ދިވެހި ރައްޔިތުންގެ ޝުއޫރެވެ. ނަމަވެސް މައުމޫނު ހާމަކުރީ އެއީ އޭނާގެ އަމިއްލަ ހިޔާލުތަކެއްގެ ގޮތުގައެވެ. އެރޭ އޭނާ ދިން ތަގުރީރަކީ މިހާރު ކިޔާގޮތުންނަމަ މަޝްހޫރު 9 ޖޫންގެ އިސްލާހީ ތަގުރީރެވެ.

އެއީ ގައުމުގެ ގިނަ ރައްޔިތުންތަކެއް ބޭނުންވެފައި އެކަމަކު ނުގެނެވި ހުރި ބަދަލުތަކެއް ކަމަށް ވިޔަސް ގައުމުގެ ވެރިޔާގެ ދުލުން އެބަދަލު ގެންނަން ފެންނަ ކަމަށް ބުނުމުން ހަމަ ހަގީގަތުގައި ވެސް އެބަދަލުތައް އަންނާނެ ކަމަށް ހީކުރި މީހުން ވެސް އެހޯލުގައި މަދެއް ނޫނެވެ. ކުރީ ސަފުތަކުގައި ތިބި މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން މައުމޫނުގެ ހުށަހެޅުންތަކަށް ހޫނު ތަރުހީބެއް ދެމުން ދިޔައިރު، ބައެއް “އާންމު ރައްޔިތުން” ވެސް އެވާހަކަ ތަކަކީ ހަމަ އިހުލާސްތެރި ވާހަކަތަކެއް ކަމަށް ހީކޮށް އަތްތިލަބަޑި ޖެހިއެވެ. ދިވެހި ރައިވަރެއްގައި ބުނާ ބަސްތައް އެމީހުންނަށް މާބޮޑަށް ގަބޫލުކުރެވުނީ ކަމަށް ވެދާނެއެވެ.

“ހީކުރަނި މީތެދޭ
ފީވެ އޮވެ ހާލީތެރޭ
ލީކަމަކު ކުކުޅެއް ހަޅޭ
ނީތަ ކިހިނެއް އަލިވިލޭ
ރީތި ނަލަ އަޑުފުޅުން ލެއްގޮ
ވީމާ ނޫންތަ ހާލެއް ގޮ”

ކޮންމެއަކަސް ރީތި ނަލަ އަޑުފުޅުން އެވިދާޅުވީ އިސްލާހު ގެންނަވަން ބޭނުންފުޅުވާ ކަމަށެވެ. ކޮންފަދަ އިސްލާހުތަކެއްތޯއެވެ؟ އޭގެ ކުރީގައި ރާއްޖެ ހިގަމުން ދިޔަ ގޮތަށް ބަލާއިރު ގެނެސްފާނެ ކަމަށް މީހަކަށް ހުވަފެނުން ވެސް ނުފެންނަ ފަދަ އިސްލާހުތަކެކެވެ.

ރައީސަކު އިންތިހާބު ކުރުމުގައި ރައްޔިތުންނަށް މިހާރަށްވުރެ ބޮޑު އިހުތިޔާރެއް ދިނުން ފެންނަ ކަމަށާއި ރައްޔިތުންގެ ވޯޓާއި ހަމަޔަށް އެއް ކެންޑިޑޭޓުގެ ނަމަށް ވުރެ ގިނަ ނަން އައުން ފެންނަ ކަމަށް މައުމޫނު ހާމަކުރިއެވެ. އެކަކު ރައީސް ކަމުގެ މަގާމު ފުރޭނެ މުއްދަތު ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތުން މުހިންމު ކަމަށް ވެސް ހާމަކުރިއެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ރައީސުން ތިބެނީ ދެ ދައުރަށް ކަމަށް ބުނިއިރު އެހާތަނަށް ފަސް އަހަރުގެ ފަސް ދައުރު (25 އަހަރު) ހަމަކޮށް ހަވަނަ ދައުރެއް ފުރަމުން ދިޔަ މައުމޫނު ދިވެހި ރައްޔިތުންނަށް މަލާމާތްކުރާ ކަހަލައެވެ.

ދައުލަތް ހިންގުމުގެ ތިން ބާރު މިހާރަށް ވުރެ ވަކިކޮށް އެއްބާރެއްގެ ނުފޫޒު އަނެއް ބާރެއްގެ މައްޗަށް ވީހާވެސް ނުފޯރާ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުން މުހިންމު ކަމަށް ވެސް މައުމޫނު އެއްބަސްވިއެވެ. އަދި އަންހެނުންނާއި ފިރިހެނުންނަކީ ގައުމުގެ ތަރައްގީގައި އެއްވަރަށް ހިއްސާކުރާ، އަދި ގާނޫނުގެ ކުރިމަތީގަޔާއި ސިޔާސީ ހަޔާތުގައި ހަމަހަމަ ފުރުސަތުތަކެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ ވެސް ގެންނަން ޖެހޭ އިސްލާހެއް ކަމަށް ބުންޏެވެ.

ޒަމާނީ ދިމުކްރާތީ ނިޒާމުތަކާ އެއްގޮތަށް ރާއްޖޭގެ ސިޔާސީ ނިޒާމު ބައްޓަން ކުރުމާއި، މިހާރަށްވުރެ ފަސޭހަކޮށް އަދި ރައްޔިތުންގެ ހިޔާލާއި އެއްކޮށް ގާނޫނު އަސާސީ އިސްލާހު ކުރެވެން އޮތުން ވެސް އިސްލާހުގެ ލިސްޓުގައި ހިމެނިއެވެ.

ދައުލަތުގެ އިސް ވެރިޔާ އާއި ސަރުކާރު ހިންގާ އެންމެ އިސް ވެރިޔާ ވަކިކޮށްފައި ބޮޑުވަޒީރަކު ރާއްޖޭގައި ބެހެއްޓުން ފެންނަ ކަމަށް މައުމޫނު ބަޔާންކުރިއެވެ. މިގޮތުން ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި ތައާރަފުކުރުމުގެ ހިޔާލު އެމްޑީޕީއަށް ވުރެ ކުރިން އާންމުކޮށް ފާޅުކުރުމުގެ އުފާ ވެސް ލިބިގަތެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނެން ވާނީ ހަމައެކަނި އެކި ދާއިރާތަކުން ރައްޔިތުން އިންތިހާބުކުރާ މެންބަރުން ކަމަށާއި އަދި ރައީސް އައްޔަން ކުރާ މެންބަރުން މަޖިލީހުގައި ނުބޭތިއްބުމަށް ވެސް ހުށަހެޅިއެވެ.

“އަޅުގަނޑު މިހުށަހަޅަނީ ހަމައެކަނި އެކި ދާއިރާތަކުން އިންތިހާބުވާ މެންބަރުން އެކަނި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ގޮތަށް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުން އެއްވެސް އަދަދަކަށް ނުތިއްބެވުން.” މައުމޫނު ހުށަހެޅިއެވެ.

މިހިސާބުން ދެން ފާހަގަކޮށްލަން ޖެހެނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހަށް ހުށަހެޅުނު ގިނަ އިސްލާހުތަކެއް ރައީސް ކަނޑައަޅާފައި ތިބޭ މެންބަރުން ބަލައި ނުގަތް ކަމެވެ. އަދި މައުމޫނުގެ އިސްލާހީ ހުށަހެޅުމުގެ ރޫހަކީ ރައްޔިތުންގެ މަޖިލީހަށް ރައީސް އައްޔަން ކުރާ 8 މެންބަރުން އުނިކުރުން ކަމަށް ވާނަމަ، ހާއްސަ މަޖިލީހުގައި އިންތިހާބު ނުކުރެވި އިށީދެ ތިބޭ މެންބަރުން އުނިކުރުމަށް މައުމޫނުގެ ސަރުކާރުން ތަރުހީބު ނުދެނީ ކީއްވެގެން ބާވައެވެ؟ އެބަދަލު ގެންނަން ދެކޮޅު ހަދަނީ މިހާރުގެ ގާނޫނު އަސާސީއާއި ހިލާފު ވާކަމަކަށް ވާތީ ކަމަށް ސަރުކާރުން ދެކޭނަމަ ގާނޫނު އަސާސީ މިހާރަށް ވުރެ ފަސޭހަގޮތަކަށް އިސްލާހުކުރަން މައުމޫނު ހުށަހެޅި ހުށަހެޅުމަށް ވީ ކިހިނެއް ބާވައެވެ؟

ރައްޔިތުންގެ ހާއްސަ މަޖިލިސް އެކުލަވާލި ފަހުން ތިން އަހަރު ވާއިރު ގާނޫނު އަސާސީއެއްގެ ފުރިހަމަ ޑްރާފްޓެއް ވެސް އެކުލަވާލެވިފައި ނެތެވެ. މިކަމުގައި މައުމޫނުގެ އެއްވެސް ޒިންމާއެއް ނެތް ކަމަށާއި ކުށްވެރިވަނީ ހާއްސަ މަޖިލިސް ކަމަށް ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް ގައުމާއި މުހާތަބުކޮށް މައުމޫނު އިހަކަށް ދުވަހުގެރޭ ވަނީ އިޝާރާތްކޮށްފައެވެ. ނަމަވެސް ކުރުކޮށް ބުނެވޭނީ އިސްލާހީ ތަގުރީރުގެ ފަހުން ތިން އަހަރު ވީއިރު ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގައި ކުރިއެރުމެއް ލިބިފައި ނެތުން އެއީ މުޅި އިސްލާހީ އެޖެންޑާ ފޭލްވުން ކަމުގައެވެ.

ސިޔާސީ ޕާޓީތައް އުފައްދައި ހިންގުމުގެ މިނިވަންކަން ދޭ ގާނޫނު އަސާސީއަކަށް ވެސް މައުމޫނު ބޭނުންވާކަން ހާމަކުރިއެވެ.

“އަޅުގަނޑު ހުށަހަޅަން ގަސްދުކުރަނީ ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމާއި ހިންގުމަކީ މިނިވަންކަން ލިބިގެންވާ ކަމެއް ކަމުގައި ގާނޫނު އަސާސީގައި ކަނޑައެޅިފައި އޮންނަން. އާދެ. އެހެން މިދެންނެވީ މިހާރު އަޅުގަނޑުމެންގެ ގާނޫނު އަސާސި އޮންނަ ގޮތުން. ވަކި މާއްދާއެއް ނޫން. ގާނޫނު އަސާސީގެ ވަކި މާއްދާއަކާއި އަދި އިތުރުން ބައެއް މާއްދާތައް ހުރި ގޮތުން އަޅުގަނޑަށް ގާނޫނީ ލަފާ ލިބިފައި ވަނީ މިހާރު ގާނޫނު އަސާސީ މިއޮތް ގޮތުން ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފައްދާކަށް ޖާގައެއް ނެތޭ. ގާނޫނު އަސާސީގެ އެކިއެކި މާއްދާތައް ހުރި ގޮތުން ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފައްދާ ހިންގުމަކަށް ފުރުސަތެއް ނެތޭ. އެހެންވީމާ ގާނޫނީ ހުރަހެއް އޮތް ކަމަށް އަޅުގަނޑަށް ރަސްމީގޮތުން މީގެ ކުރިން ގާނޫނީ ލަފާ ވަނީ ލިބިފައި. އަދި ހަނދުމަފުޅު ހުންނާނެ ފަދައިން މިމައްސަލާގައި ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވާ ނިންމަވާފައި އޮތީ އެގާނޫނީ ލަފާގެ މަތިން ރާއްޖޭގައި ސިޔާސީ ޕާޓީ ހިންގޭކަށް ނޯންނާނެ ކަމަށް. އެހެންވީމާ ގަވާއިދުން ގާނޫނުން ކަންތައް މިހާތަނަށް ގޮސްފައި އެއޮތީ. އެހެންވީމާ އަޅުގަނޑު ހިތަށް އަރަނީ އެހުރަސް އެގޮތަށް އޮތް ކަމަށް ވަންޏާ މިހާރުގެ ދީމުކްރާތީ ނިޒާމާއި ގުޅޭ ގޮތަކީ އެހުރަސް ނައްތާލުން. ގާނޫނު އަސާސީގައި ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދައި ހިންގުމަކީ މިނިވަންކަން ލިބިގެންވާ ކަމެއް ކަމުގައި ސަރީހަކޮށް ބަޔާންކޮށްފައި އޮވެއްޖެނަމަ ދެން އެހުރަހެއް ނޯންނާނެ.” މައުމޫނު ރައްޔިތުންނަށް ކިޔާދިނެވެ.

ނަމަވެސް މިތަގުރީރަށް އެއްއަހަރު ވީއިރު، ގާނޫނު އަސާސީއަށް އެއްވެސް ބަދަލެއް ނުގެނެސް ރާއްޖޭގައި ސިޔާސީ ޕާޓީ ހުއްދަ ވެއްޖެއެވެ. ރައީސްގެ ގަރާރަކުންނެވެ. އަދި މިހާރު ގިނަ ޕާޓީތަކެއް އުފެދިއްޖެއެވެ. އެއް ޕާޓީ އިދިކޮޅު ޕާޓީގެ ގޮތުގައި ލޭބަލްވެ ނިމިއްޖެއެވެ. އަދި އަނެއް ޕާޓީއަކުން ބުނަނީ އެއީ ވެރިކަން ކުރާ ޕާޓީ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ޕާޓީ ނިޒާމުގެ މައްޗަށް ބިނާވެ އިންތިހާބެއް އަދި ނުބާއްވައެވެ. ޕާޓީ ނިޒާމަށް ގާނޫނު އަސާސީ ތަންނުދޭކަމަށް ގާނޫނީ ލަފާ ދިން ފަރާތް މިހާރު ހުރީ ވަރުގަދަ ސިޔާސީ ޕާޓީއެއްގެ ރައީސްކަމުގައެވެ. އަދި އެގާނޫނީ ލަފާ ގަބޫލުކޮށް، ނުވަތަ އެގާނޫނީ ލަފަޔަކީ އުޒުރެއް ކަމަށް ހަދާފައި، ގަވާއިދުން ގާނޫނުން ކަންތައް ގެންދަން ވެގެން ޕާޓީ ނިޒާމު ރާއްޖެއަށް ނުގެންނަން ފައިވިއްދި ވެރިޔާ، މިހާރު ހުރީ ހަމަ ބޮޑު ސިޔާސީ ޕާޓީއެއްގެ ޒައީމް ކަމުގައެވެ. އެކަމަކު ރާއްޖޭގައި ޕާޓީތަކަށް މިނިވަން ކަމާއި އެކު ހަރަކާތްތެރި ވުމުގެ ޖާގައެއް ނެތެވެ. ޕާޓީތަކުގެ ސުލްހަވެރި މުޒާހަރާތައް ރޫޅާލައި އެތައް ބަޔަކު ފުލުހުން ހައްޔަރުކުރެއެވެ. ވަކި ޕާޓީއަކަށް ނިސްބަތްވާ މީހުންނަކީ ސަރުކާރުގެ މަތީ މަގާމުތައް ލިބޭ މީހުންނަށް ވާއިރު އަނެއް ޕާޓީއެއްގެ މެންބަރަކަށް ވުމަކީ ފަސޭހައިން ޖަލުގެ ގޮޅިއަކަށް ވަދެވޭ ކަމެކެވެ. ޕާޓީތަކުގެ މައިގަނޑު އަމާޒަކީ އިންތިހާބުގައި ބައިވެރިވެ ވެރިކަން ހޯދުން ކަމަށް ވިޔަސް ރާއްޖޭގައި ޕާޓީ ނިޒާމުގެ މައްޗަށް އިންތިހާބު ބޭއްވޭނެ ދުވަހެއް ރައްޔިތުންނަކަށް ނޭގެއެވެ. އެދުވަސް މައުމޫނަށް ވެސް ނޭގޭކަން ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް އޭނާ އިހަކަށް ދުވަހު އެހާމަކުރީއެވެ.

އިސްލާހީ ތަގުރީރަށް ތިން އަހަރު ފުރުނު އިރު އިސްލާހީ އެޖެންޑާ ފޭލްވެފައިވާ ކަމުގެ ހެކިތަކަކީ ހަމައެކަނި ގާނޫނު އަސާސީ އިސްލާހު ނުކުރެވި އޮތުމާއި ޕާޓީ ނިޒާމް މަސައްކަތް ނުކުރުން އެކަންޏެއް ނޫނެވެ. އިސްލާހުގެ ނަމުގައި ކޮށްފައިވާ އެހެނިހެން ކަންތައްތައް ވެސް ވަނީ ފޭލްވެފައެވެ. ހުސައިން ސަލާހުގެ މަރުގެ މައްސަލަ ފުރަތަމަ ފެންމަތިވުމުން ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން އެންގީ ކަމާއި ބެހޭ ފަރާތްތަކުން މައްސަލަ ތަހުގީގުކުރުމަށެވެ. އެކޮމިޝަނަކީ މައްސަލަ ބެލުމުގެ ބާރު އޮތް ކޮމިޝަނެއް ކަމެއް އެކޮމިޝަނަކަށް ވެސް ނޭގުނެވެ. އަދި އެފަދަ މައްސަލައެއް ބެލުން އެންމެ އެކަށީގެންވާ ފަރާތަކީ އެކޮމިޝަން ކަމެއް ވެސް ނޭގުނެވެ. ތ. ކިނބިދޫގައި ފުލުހުން ހިންގާފައިވާ ޖަރީމާތައް ކުށްވެރިކޮށް އެ ކޮމިޝަނުން އަނެއްކާވެސް ގޮވާލަނީ ކުށްވެރިވާ ފަރާތްތައް ހޯދައި ޝަރީއަތަށް ފޮނުވުމަށެވެ. އެކަން ކުރުމަކީ އެކޮމިޝަނުން ކުރަން ޖެހޭ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެއެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނެއް ނަމުގައި އޮވެއެވެ. ނަމަވެސް ފުލުހުންގެ އިންޓެގްރިޓީއެއް ނެތެވެ. ރައްޔިތުންނަށް އަނިޔާކުރަނީއެވެ. އަދި ބައެއް ރައްޔިތުން މަރަނީ ވެސް މެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތެވެ. ނޫސްވެރިންނާއި އެޑިޓަރުން ތަފާތު ބަހަނާތައް ދައްކައި ޖަލަށް ގެންދަނީއެވެ. ހައްޔަރުކުރަނީއެވެ.

9 ޖޫން 2004 ވަނަ ދުވަހުގެރޭ މައުމޫނު ދިން އިސްލާހީ ތަގުރީރަކީ ގިނަ ދުވަހު ވެރިކަމުގައި ހުންނަން ހެދި ސިހުރެއް ކަމަށް ވާނަމަ ވޭތުވެދިޔަ ތިން އަހަރު އޭނާ ވަނީ އެކަން ކާމިޔާބުކޮށްފައެވެ. އަދި އެއީ ދުނިޔޭގެ ލޯމަތީގައި އަނދުން އަޅުވައި އޭނާގެ އަނދިރިފަރާތް ފޮރުވުމަށް ކުރި ކަމެއް ކަމަށް ވަންޏާ އެކަން ވެސް ވަނީ ކާމިޔާބުކޮށްފައެވެ. އެތަގުރީރަކީ ހިލް އެންޑް ނޯލްޓަންގެ ފުރިހަމަ އިރުޝާދާއި އެކުގައި ހަދާފައިވާ ސިހުރެކެވެ.

Further reading
http://www.maldivesculture.com/news/reform_constitution_nss.htm
http://www.maldivesculture.com/news/nasheed_mdp_maldives.htm
http://www.maldivesculture.com/news/mdp_reaction_gayoom01.htm
http://www.maldivesculture.com/news/special_majlis_2004.htm


Free Machine June 10, 2007

No Comments »

No comments for this article yet.

Leave a comment

RSS feed for comments on this post. | TrackBack URI