ރައީސް މައުމޫނުގެ މޮޓަރާ އަރުމާޒު

ލިޔުނީ ހަސަން ކުރުސީ / ގ. ތިރިވާގެ / މިނިވަން ޑެއިލީ

މިހާރު ރައީސް މައުމޫނު ރާއްޖެ ތެރެއަށް ކުރައްވާ ދަތުރުފުޅު ތަކަކީ އެބޭފުޅާ 100 ވަނަ ދައުރަށް ކުރިމަތި ލެއްވުމުގެ ކުރީގައި ކުރައްވާ ކެމްޕޭނު ދަތުރުފުޅެއްނަމަ އެބޭފުޅާ އެކެމްޕޭނު ކުރައްވަނީ ކޮންފަރާތަކަށް ކާމިޔާބު ހޯއްދަވަންކަމެއް މުޅިއަކުން ސާފެއްނުވެއެވެ. މިމަގަށް މިހެން މިދެކެވެނީ ރައްރަށުގައި އެބޭފުޅާ ދައްކަވާ ވާހަކައިންނެވެ. އުޅުއްވާ ޒާތުންނެވެ.

އަޅުގަނޑުވެސް ތިލަދުންމަތީ ކުމުންދޫއަށް ދާދިފަހުން ދިޔައީމެވެ. ލަފާކުރެވޭ ގޮތުގައި ރައީސް މައުމޫނުގެ އަރުމާޒު ކާރުކޮޅު އެރަށުގައި ދުއްވުމުގެ ކުރީގައި އެރަށު ބިމުގައި ދުވެފައި ވަނީ ފަނިފަކްސާއާއި ބައެއް ބާވަތުގެ ޖަނަވާރެވެ. ހޯނު، ބޮނޑު، ނަންނުގަތި ފަދަ މައިބަދަނެތް ލޫދޭ ޖަނަވާރެވެ. ނުވަތަ އާރުލެވެން އެއްގޮތަކަށްވެސް ނެތް ބިމުގައި ދުވާޒަތުގެ ވެލެވެ.

މިހާރު މިދަނީ ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫއަށް އަރާށެވެ. ކުޑަ ބޮށްކުރައެއްގައެވެ. ކުޅުދުއްފުށިން އައި ދޯނި އެރަށު ފަޅުތެރެއަށް އެއްގޮތަކަށްވެސް ވެއްދޭކަށެއް ނެތެވެ. އެރަށުގައި ފަޅެއް ނެތްކަމުންނެވެ. ކުމުންދޫއަށް އަރާފޭބެނީ ފިސަހަރި ދަތީގައެވެ. މޫސުން ގޯސް ދުވަހެއްގައި ބަލިހާލު ބޮޑުވާ މީހަކަށް އެންމެ ލުއިގޮތަކަށް ވަނީ ކުމުންދޫގައި އޮވެ އަވަހަށް މަރުވުންކަމާއި މެދުގައި އެރަށުގެ ފަޅުގެ ކަންތައް ތަޖުރިބާ ކުރުމުގެ ބަދުނަސީބު ލިބިފައިހުރި އެކަކުވެސް ޝައްކެއް ނުކުރާނެއެވެ. މިއީ ހާހަކަށް ވުރެން ގިނަމީހުންގެ އާބާދީއެއް ދިރިއުޅެމުން ގެނދާ ރަށެކެވެ.

ކުމުންދޫއަށް ރައީސް މައުމޫނު އަރާވަޑައިގެންނެވި ގޮތެއްކަމަށް ވަނީ ކޮޅުވެއްޓިއެއްގައި ކަމަށް ވެއެވެ. އަރާވަޑައިގެން ހުންނަވާ އެރަށު ރައްޔިތުންނާއި ދެއްކެވީ ރާއްޖެއަށް ލިބިފައިމިވާ ބޮޑު ތަރައްގީއެއްގެ ވާހަކައެވެ. މިއީ މީލާދީ ސަނަތުން ދެހާސް ހަތްވަނަ އަހަރެވެ. ކީރިތި ރަސޫލާ މައްކާ ދޫކުރައްވާ މަދީނާއަށް ހިޖްރަ ކުރެއްވިތާވެސް ސާދަސަތޭކަ އަށާވީސް އަހަރުވީއެވެ. ކުމުންދޫ ރައްޔިތުން ދިރިއުޅެމުން ދާގޮތްތަށް ރައީސް މައުމޫނަށް ފެނިވަޑައި ނުގަތީ އަކީއެއް ނޫނެވެ. އެމަނިކުފާނަށް ހަމަ ކަންތައްތައް ފެނިވަޑައިގަންނަވާ ގޮތެވެ. އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ތަރައްގީ ފުރި ބަންޑުން ދާތަނެވެ. ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް މަދު ތަނަކަށް ވާއިރުގައިވެސް ލިބިފައިވާ ކުރިއެރުމެވެ.

ރާއްޖޭގެ ގިނަ ރަށްރަށަށް އަރާ ފޭބޭނެ ގޮތެއް ނެތެވެ. ދަތުރުފަތުރު ކުރުމުގެ ކަންތައް އެހާ ދެރައެވެ. ދަތުރެއް ކުރާ ރަށަކުންވެސް ކުރާ ދަތުރެއް މިކުރަނީ ގިނަފަހަރަށް މާލެއަށެވެ. އެތަންތަނުގައި ސިއްހީ ފަރުވާ އާއި ޅަދަރީންނަށް ދޭންޖެހޭ ތައުލީމު ދެވޭނެ ގޮތްތައް އެހެންތަންތަނާ އަޅާބަލާއިރު ތަފާތު ބޮޑުކޮށް ވާއިރުގައެވެ. ޢާމްމުދަނީއަށް ކުރާނެ މަސައްކަތެއް އަދާކުރާނެ ވަޒީފާއެއް އެއްގޮތަކަށްހެން ނެތްއިރުގައެވެ.

ރައީސް މައުމޫނަށް މިފެނިވަޑައިގަންނަވަނީ އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖެއަށް ލިބިފައިވާ ތަރައްގީގެ އުސްއަލިތަކެވެ.

ދެބަޔަކަށް އެއްކަމެއް މިފަދަ ތަފާތުގައި މިފެންނަނީ އެމަނިކުފާނު ބައްލަވާ ދުރުމީގައި ވަނީ އެމަނިކުފާނު ސިފަކޮށްދެއްވަން ބޭނުންފުޅުވާ މަންޒަރުކަމުންނާއި، އެމަންޒަރު ދޭހަކުރާ ބަސްތަކާއި ފޮޓޯތައް، ދައުލަތުގެ މީޑިޔާގެ ވަސީލަތްތަކުން ތަކުރާރުކޮށް ފޮނުވުމުން އެފޮޓޯތަކާއި ބަސްތަކަކީ އަސްލު މަންޒަރުގެ ގޮތުގައި މީސްތަކުން ޤަބޫލް ކުރުވުމުގެ ދުރުވިސްނުވުމުގައި ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.

1924 ން 1941 އާއި ދެމެދު ސޮވިއެޓް ރަޝިޔާގައި އޮތް ސްޓާލިން ގެ ޑިކްޓޭޓަރޝިޕް ގެ މައިގަނޑު އެއް ތަނބަކީ ޕްރޮޕެގެންޑާއެވެ. ތާރީޚުން އެއޮތީ ޑިކްޓޭޓަރުންގެ މޮޑެލްތައް ފެންނާށެވެ. ސްޓާލިންގެ ދުރުމިންވެސް ނުވާކަންތައްތައް ވާކަމަށްފެނި މުޅި ޖަމާއަތުގައި އެދޮގު ފެތުރިއެވެ. ދޮގު ޚަބަރު އެކި ކުލަކުލައިގައި ނެރެ ވެރިންގެ މޮޅުކަމުގެ ވާހަކަ ތާއަބަދު ދެއްކުމަކީ ސިކުނޑިތައް ލެންބުމުގެ ހުނަރެކެވެ. ރަޝިޔާގައި އެދުވަސްވަރު ސްޓާލިން މަސައްކަތްކުރީ މުޅިގައުމު އޭނާގެ ބާރުގެ ދަށަށް ގެނެސް އެއް ޝަޚްސިއްޔަތުގެ މަޒުހަބު ފެތުރުމަށެވެ. ރާއްޖޭގައި ވޮއިސް އޮފް މޯލްޑިވްސް އާއި ޓީވީމޯލްޑިވްސް އަދި އެތެރެކޮއިލުގެ އެތެރެއިން ހުއްދަ ލިބިގެން ނުކުންނަ ހަވީރު ތަކާއި މިއަދުތަކުން އެހަދާއެއްޗަކީ ހަމަ އެކައްޗެކެވެ. އެކަމަކު ސްޓާލިންވެސް ލަދުގަންނަވަރަށް މިވެރިންގެ ފްރީކުއެންސީތަކުން މެސެޖްތައް އޮއްސާހެން އެބަހީވެއެވެ. ކޮޅުވެއްޓީގެ އެއޮއްބޮޑު އަނގަ ހުޅުވި، ވިދަވިދާއޮތް ކާރު ރަށްފުށު ރަށެއްގެ ގޮނޑުދޮށަކަށް ބީއްސާލިތަނުން އެފެންނާންފެށީ ‘ރަންނަމާރީގެ ކުލަދެއްކުންތަކެއް’ ކަމުގައިވެސް ހީވިކަހަލައެވެ. ހޮލީވުޑްގެ ފިލްމް ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުން އެތިބީ ހަމަގައިމުވެސް ބަލަންނުކެރި ލޯމަރައިގެންނެވެ. ކުމުންދޫއިން އެފެނުނު މަންޒަރަކީ މިދުނިޔެމަތީގެ ކަމެއްނޫނެވެ.

ހަޤީގަތް އޮޅުވާލުމަކީ ފަންނެކެވެ. އިލްމީ މަސައްކަތެކެވެ. ރައީސް މައުމޫނު ބައްލަވާ ދުރުމީގައިވަނީ އެމަނިކުފާނު ސިފަކުރައްވާން ބޭނުންފުޅުވާ މަންޒަރެވެ. އެމަންޒަރު ދޭހަކުރާ ބަސްތަކާއި ފޮޓޯތައް ދައުލަތުގެ މީޑިޔާގެ ވަސީލަތްތަކުން ރައްޔިތުންނަށް އަންގަމުން ގެންދަނީ ރޭވުންތެރި ކަމާއިއެކުއެވެ. އެކަމެއްގެ ފަހަތުގައި އަސްލެއް ނެތް ކަންކަމާއި ގުޅޭގޮތުން ތަކުރާރުކުރާ ބަސްތަކާއި ފޮޓޯތަކުން އެކަމެއްގެ އަސްލު ގެއްލިދެއެވެ. ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުން މިމަސައްކަތް ހިންގަނީ ހުނަރުވެރި ކަމާއި އެކުއެވެ.

ކަންމިހެން ހިނގާތާ މިހާ ދުވަސްވުމުން، މިކަމުގައި އިތުރު ނުކުތާއެއް އެބަ ފާހަގަވެއެވެ. ރައީސް މައުމޫނާއި އަދި ދިވެހި ސަރުކާރުގެ ޓީވީ އަދި ރޭޑިއޯ ހިންގެވުމާއި ހަވާލުވެ ތިއްބެވި ބޭފުޅުން އެބޭފުޅުން އެކުރައްވާ ކަންތަކުގައި ހައްދުފަހަނައަޅާ ކަމެވެ. ކަނޑައެޅިގެން ދޮގު އެއީ ތެދުކަމަށް ހެއްދެވުމުގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަށް ދިމާވެފައި ހުންނަ އެންމެ ހިތާމަވެރި ހާލަތަކީ އެބޭފުޅުން އެހައްދަވާ ދޮގު އެއީ ތެދުކަމަށް އެބޭފުޅުން އަމިއްލަފުޅަށް ޤަބޫލްކުރުމުގެ ހާލަތަށް އެބޭފުޅުންގެ އަމިއްލަ ކުޅެދުންތައް ދާކަމެވެ. ކުމުންދޫ، ނޭކުރެންދޫ، މިރަށްރަށުގައި މީހުން ދިރިއުޅެނީ ކިރިޔާ ވަލުން ނުކުތް ހާލުގައި ކަމަށް ބުނަނީ ހަމައެކަނި ރައީސް މައުމޫނާއި އިދިކޮޅު ފަރާތްތަކުން އެކަންޏެއް ނޫނެވެ. ބައިނަލްއަޤްވަމީ ޖަމާތްތަކާއި އެކުވެރި ދައުލަތްތަކުންވެސްމެއެވެ. އަޅުގަޑުވެސް ދާދިފަހުން ހދ. ކުމުންދޫއަށް ދިއައީމެވެ.

ރާއްޖޭގައި އިނގިރޭސި މީޑިޔަމަށް ކިޔަވައިދޭން ފެށުމާއި ގުޅިގެން މަޖީދިއްޔާ ސްކޫލްގައި ކިޔަވައިދޭން ގެންގުޅޭ ފޮތެއް، މިދެންނެވި ދުވަސްވަރު ދެނެވަޑައިގަންނަވާ ބޭފުޅުން ވަރަށް ރަނގަޅަށް ހަދުމަފުޅު ހުންނާނެއެވެ. ޖޯގްރަފީ ފޮތެކެވެ. އެފޮތުގެ އެއްފިލާވަޅަކަށް ކިޔާނީ ‘ސިންބާ އެންޑް ހިޒް ނޭބާރސް’ އެވެ. މި ފިލާވަޅާ ގުޅޭ ފޮޓޯގައި ފެންނާނީ ސިންބާއާއި އަދި އޭނަ ފަދަ ކުޑަ އެހެންކުއްޖެއް ބަޑުހައިހޫނު ކަމުގެ ސިނގުބަޑާއި ފަގީރުކަމުގެ އޮރިޔާން ހާލުގައި ތިއްބައެވެ. ސިންބާ ހުންނާނީ މީދަލެއް ހިފައިގެންނެވެ. މި ދެކުދިންގެ ފަހަތުން ފެންނާނީ އެމީހުންގެ ރަށެވެ.

ރާއްޖޭގެ ފަޅު ފުންކުރުމުގެ މަޝްރޫޢުއަށް ދުނިޔޭގެ ބެންކުން ކިޔަނީ “އެކްސްސަސް ޕުރޮގުރާމް” ( ވަންނާނެ ގޮތުގެ ޕުރޮގްރާމް) އެވެ. އިހު ދެންނެވި ސިންބާގެ ފޮޓޯ ޖެހި ފޮތުގައި ދައްކާފައި ހުންނާނެއެވެ. ކޮންގޯ އާއި އެމެޒަން ޖަންގައްޔަށް ޔޫރަޕްގެ ތަހުޒީބު ފޫއަޅުވާލުމަށް ފުރަތަމަ އެޅުނު ރޭލްދަނގަޑުތަކެވެ. އެއީ އެބޮޑު މާ ޖަންގަލިތަކަށް އެކްސްސަސް ހޯދުމަށެވެ. ވަންނާނެ ގޮތެއް ހޯދުމަށެވެ. މިޒަމާނުގައި ރާއްޖޭ ރައްރަށުގައި ބަނދަރު ހަދާ ވާހަކަ ދެއްކުމަކީ މިޒާތުގެ ވާހަކައެކެވެ. އެއީ މީގެ ފަންސާހަކަށް އަހަރު ކުރިން ނިމިފައި ހުންނާންވީ ކަންކަމެވެ. މިއަދު މި މިންވަރުން ބައިކުޅަބައެއް ނިމިފައިވީތީވެ އެކަމާ ކިޔާ ސަނާ އަޑުއަހާ މީހުންނަށް އަޑުއިވެނީ ފުރަށްސާރައެއްގެ ގޮތުގައެވެ. ގޮންޖެހުމެއްގެ ގޮތުގައެވެ.

އަޅުގަޑުމެންނަށް އެގޮތްމިގޮތުންގޮސް ކުމުންދޫއަށް އެރިއްޖެއެވެ. އެއިރު ރަށުގައި މަހަށްފުރާ ދެގަޑެތިން އެކަތި ލަފަނީއެވެ. އިރު އޭގެ ދުވަހުގެ މަސައްކަތަށް ފަހުގައި އޮށްސިދަނީއެވެ. މަސްވެރިން ބާނައިގެން އައި މަސްކޮޅު އެއްގަން ކުރީވެސް ހަމައެފަދަ ހާލެއްގައެވެ. މިއީ ހދ. ކުމުންދޫއެވެ.

ނޭކުރެންދޫ މީހުންވެސް އަދި ކުމުންދޫ މީހުންވެސް އަޅުގަނޑު ދަންނަމެވެ. ރައީސް މައުމޫނުގެ ދަތުރުފުޅުގެ ދުރަށް ފޮނުވަމުން ދިޔަ ފޮޓޯތަކުގައި މިރައްރަށުގެ މީހުންތައް ފެނެއެވެ. ފެނިދެނިވެފައިވާ މޫނުތަކެކެވެ. ފޮޓޯތަކުން ފެންނަނީ އަދިވެސް މިމީހުން އާޝޯހު ވެފައި ތިއްބައެވެ. ‘ތިޔަ ކިޔަނީ ކޮންއެއްޗެކޭ’ މިފަދައިން ބުނާ ޒާތަކަށް ފެންނަ މޫނުތަކެކެވެ. އެންމެ ފަހުން އަޅުގަނޑު ކުމުންދޫއަށް ދިޔަ ދަތުރުގައިވެސް އެރަށު ގިނަ ރައްޔިތުން ތަކެއް ކުރި ޝަކުވާއަކީ ކުމުންދޫ ކިޔާ ރަށެއް ރާއްޖޭގައި އޮންނަކަންވެސް ދިވެހި ސަރުކާރުގެ ގިނަވެރިންނަށް ނުއެނގޭ ކަމުގެ ޝަކުވާއެވެ. އެރަށު ރައްޔިތުން ބުނީ ދާދިފަހުން އެރަށަށް ލިބުނު ކޮންމެވެސް ހިލޭ އެހީއެއް (ބޮޑެތި ސިންގާ ބީ 52 ބޮންއަޅާ ބޯޓުތައް ފަދަ މަތިންދާބޯޓް ތަކުގައި ކާޑު ވައްޓާ ގޮތްވެސް އެއްކަލަ ސިންބާގެ ފޮޓޯ ޖެހި ފޮތުގައި ދައްކާފައި ހުންނާނެއެވެ. އެއީ އެފޮތް ހެދި އިރުގެ އެންމެ ޒަމާނީ ފޮޓޯ ތައް) ދޭން އައި މޫދަށްޖައްސާ މަތިންދާ ބޯޓެއްވެސް އޮޅިގެން ދިޔައީ ށ. އަތޮޅު ކޮމަންޑޫއަށް ކަމަށެވެ. ކުމުންދޫ އޮންނަކަންވެސް ނުއެނގުނީއެވެ.

އަސްލާއި ހަޤީގަތް އޮތްތަނަކަށް ބެލުމެއް ނެތެވެ. ޤައުމައިގެން ކުރިޔަށެވެ. އަޅުގަނޑަކީ ތަނަވަސް އަގުލަބިއްޔަތުގެ ވެރިޔާކަމަށް ދެކެވަޑައިގެންހުންނަވާ އިރު އެކަން މިއޮތީ އެންމެފަހުން އައިސް އަޅުގަނޑުގެ އަމިއްލަ ހިތަށް ޤަބޫލުކުރެވިފައެވެ. އަޅުގަނޑު އަމިއްލައަށާއި އަދި އެހެން މީސްމީހުން މެދުވެރިކޮށް މިކަން މިގޮތަށް އޮތްކަމަށް ދެއްކުމުގައި މިހިނގި ދިގު 28 އަހަރުގެ ނަތީޖާއެވެ.

އަދި މައުމޫނަށް އޮޅި ވަޑައިގަންނަވާފައިވާ ހަޤީގަތް، ނުވަތަ އެމަނިކުފާނު އެއީ ހަޤީގަތް ކަމަށް ، އިހު ދެންނެވި 28 އަހަރުގެ ރޭވުމުން ދައްކުވާ މަންޒަރުގެ އަޖަލުގައި ޖެހިވަޑައިގެން ހުންނަވާ ވަޑައިގެންނެވި އަނެއްރަށަކީ ހދ. ވައިކަރަދޫއެވެ.

މި ފަހަކަށް އައިސް ރާއްޖޭގައި ހިންގަވާފައިވާ އެންމެ ވަރުގަދަ އެއްހަރަކާތަކީ އިސްލާމްދީނުގެ އުސޫލުތަކާއި ހަމަތަކާއި އާދަކާދަތައް، މީގެ ކުރީގައި ދިވެހިން ދެކެމުން އައި ގޮތްތަކާއި ވަރަށް ތަފާތު ގޮތަކަށް ދެއްވުމުގެ ހަރަކާތެވެ. ދީން އެހެން ގޮތަކަށް ކިޔަވައިދިނުމުގެ ހަރަކާތެވެ. ހދ. ވައިކަރަދޫއަކީ މިދަންނަވާ ހަރަކާތުގެ އެންމެ ވަރުދަގަ އެއް މަރުކަޒެވެ. އެރަށަށް ރައީސް ވަޑައިގެން ވިދާޅުވީ މީގެ ސަތާރަ އަހަރުގެ ކުރީގައި ހިޖާޒް ކަރައިގައި ދިރިއުޅުނު ގޮތަށް ހދ. ވައިކަރަދޫގައި ދިރިއުޅުމަށް އިސްލާމްދީން އަންގަވާފައިވާ ަމަށް ކުރާ ވަކާލާތަކީ ދީނީ ހެޔޮ ނަސޭހަތް ނޫންކަމަށެވެ.

މި މަޒުމޫނުގެ މަޢުލޫމާތުގެ ތެރޭގައި، ދީނީ ހެޔޮ ނަސޭހަތް ބަޔާން ކުރުމެއް ނެތެވެ. ނުކުތާއަކީ ވައިކަރަދޫގައި ރައީސް މައުމޫން ، ކަޅުހެދުމާއި ، ބުރުގާއާއި، ބަކަރި ގެންގުޅުމާއި ، ތުނބުޅި ދިގުކުރުމާއި، މިކަންކަމަކީ އިސްލާމްދީން މަޖުބޫރުނުކުރާ ކަންކަން، ކަމަށް ވިދާޅުވިއިރު އެބަސްތަކުން ރައީސް މައުމޫނަށް ވައިކަރަދޫ ރައްޔިތުންގެ ތާއިދު އިތުރުވެގެން ނުދާނެކަމީ ރައީސް މައުމޫން ދެކެވަޑައިގަންނަވާ ހަމަތަކެއް ކަމަކަށް ނުފެނެއެވެ. އެމަނިކުފާނުގެ ހިތްފުޅުގައި އެމަނިކުފާނުގެ ދަތުރުފުޅުތަކުން، މިވެރިކަމަށް ލިބެމުންދަނީ ތާއިދާއި ކުރިއެރުމެވެ. ރައްޔިތުންގެ އިޙްތިރާމާއި ގަދަރެވެ. އެމަނިކުފާނު ވެދެވަޑައިގެން އެ ހުންނެވި ބޯޖަންގަލި ވަލުގެ ބޯކަން މި އެނގެނީ، އަނެއްކާވެސް ހަވީރުނޫސް މެދުވެރިކޮށް މިފަހުން ހދ. އަތޮޅަށް ކުރެއްވި ދަތުރުގައި އަތޮޅުގެ ރައްޔިތުން އެމަނިކުފާނަށް ދިން ‘ހޫނު ތަރުހީބަށްޓަކައި’ ޝުކުރުއަދާކުރައްވާ މެސެޖްތައް ފޮނުއްވި ވާހަކަ އާންމު ކުރެއްވުމުންނެވެ. އަޅުގަނޑުމެންނަކަށް ހދ. ކުޅުދުއްފުށިންވެސް އެ ވިދާޅުވާ ހޫނު ތަރުހީބެއްގެ އަޑުފަށްގަނޑެއް ނުއިވުނެވެ. ފޮތިތަކާ ބެނާތައް ހަމަގައިމުވެސްހުރީކީ އެވިދާޅުވާ ހޫނުކޮށެއްނޫނެވެ. އެހެންވައްތަރަކަށެވެ.

ކަމުގެ ހިތާމައަކީ ކަމުގެ ހަޤީގަތް ރައީސް މައުމޫނަށް އަންގައިދެވޭނެ ހަމަ އެއްގޮތެއްވެސް ނެތްކަމެވެ.


Other June 3, 2007

1 Comment »

  1. Hassan Kurusy once again proves that he is best when he is a writer and a journalist. I am looking forward to the day when he can write more articles like this. And it’s true that Gayoom’s propaganda machine will make even Hitler and Stalin’s work look like child’s play.

    Comment by TO — 7 June 2007 @ 9:34 pm

Leave a comment

RSS feed for comments on this post. | TrackBack URI